Support Us

އަލިފާން ފަރުބަދައިގެ ސަބަބުން އިންޑޮނީޝިއާގައި 41 މަރު

އިންޑޮނީޝިއާގެ ޖަޒީރާއެއް ކަމަށްވާ ސުމަޓްރާގެ މައުންޓް މަރަޕީ ކިޔާ އަލިފާން ފަރުބަދައެއްގެ ސަބަބުން މަދުވެގެން 41 މީހުން މަރުވެއްޖެއެވެ.

އެ ގައުމަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އަލިފާން ފަރުބަދައިން ފޭބި "ކޯލްޑް ލާވާ"ގެ އިތުރުން ސުމަޓްރާގައި ފެންބޮޑުވެ، 18 މީހުން ވެސް ވަނީ ގެއްލިފައެވެ.

ކޯލްޑް ލާވާއަކީ އަލިފާން ފަރުބަދައިން ފައިބާ "ދިޔާ އަލިފާން" ކަމަށްވާ އަޅި އާއި ގަލާއި ފެން އެކުވެގެން ފަރުބަދައިން ފައިބައިގެންދާ ކިސަޑު ގޮތަށް ހުންނަ ފެންގަނޑެވެ.

ކޯލްޑް ލާވާގެ ސަބަބުން ވަނީ ބިންގަނޑު ކަނޑައިގެން ދިއުމަށް މަގުފަހިވެ، ދެ އަވަށް ސުންނާފަތިވެފައެވެ. މި ކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވެ، އޭގެ އިތުރުން 100 އަށްވުރެ ގިނަ ގެއާއި މިސްކިތާއި އާއްމު އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ.

އިންޑޮނީޝިއާއިން ބުނީ މި ގުދުރަތީ ކާރިސާ ހިނގީ ހޮނިހިރު ދުވަހު މެދުނުކެނޑި އެތައް ގަޑިއިރަކު ވާރޭ ވެހުމުން ކަމަށެވެ.

އޮފިޝަލުން ވިދާޅުވީ 18 މީހުންނަށް ވީ ގޮތެއް އަދިވެސް ނޭނގޭ ކަމަށާއި މިހެންވެ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. އެ މީހުން ހޯދުމަށް ފުލުހުންނާއި ސިފައިން އެކުލެވޭ ގޮތަށް 400 މީހުންގެ ޓީމެއް ވަނީ ފޮނުވައިފައެވެ. ނަމަވެސް މަގުތައް ހަލާކުވެފައިވުމުން މީހުންނަށް އެހީވުމަށް ވަނީ ހުރަސްއެޅިފައެވެ.

ސުމަޓްރާގައި ހުންނަ މަރާޕީއަކީ އިންޑޮނީޝިއާގެ އެންމެ ނުރައްކާތެރި އަލިފާން ފަރުބަދައެވެ. މީގެ ކުރިން 2022 ގައި ވަނީ އެ ސަރަހައްދުން 24،000 މީހުން އެހެން ސަރަހައްދުތަކަށް ގެންގޮސްފައެވެ. އެ ފަހަރު ސުމަޓްރާގައި ފެންބޮޑުވުމުގެ ސަބަބުން ކުޑަ ދެ ކުދިން ހިމެނޭހެން އެތައް ބަޔަކު މަރުވިއެވެ.

އިއްޔެ މެންދުރުފަހާ ހަމައަށް ވަނީ ކަންޑުއާންގް ސަހަރުން 19 މީހެއްގެ ހަށިގަނޑު ފެނިފައެވެ. އަދި އެ ސަހަރާ ޖެހިގެން އޮންނަ ޓެނަ ޑެޓައިން ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އަގަމް އަވަށުން ތިން މީހުން ގެއްލިފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް މަރާޕީ ގޮވިއެވެ. އަދި އެ ފަހަރު 20 މީހުން މަރުވިއެވެ.

އިންޑޮނީޝިއާގެ ވާރޭވެހޭ މޫސުމުގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވެއެވެ. ތިމާވެށީގެ ތަޖުރިބާކާރުން ވިދާޅުވަނީ މިހެން ކަންތައްތައް ވާން ދިމާވަނީ ލަކުޑި ބޭނުން ކުރާ ސިނާއަތްތަކަށް ފޯރުކޮށްދިނުމަށް ޖަންގަލީގައި ހުންނަ ގަސްތައް ގިނަ އަދަދަކަށް ކަނޑާތީއެވެ.

"ގުދުރަތީ ވަސީލަތްތައް ބޭނުން ކުރެވޭ މިންވަރު އިތުރުވުމާއި ވަކި ހަމައެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާތީ މި ކަހަލަ ގުދުރަތީ ކާރިސާތައް ކުރިމަތި ވަނީ،" އިންޑޮނީޝިއާގެ ތިމާވެއްޓާ ބެހޭ އިންޑޮނީޝިއަން ފޯރަމް ފޮ އެންވައިރަންމަންޓްގެ ޑިރެކްޓަރު ވެންގްކީ ޕުރްވަންޓޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ކަމުގެ ސަބަބުން މި ފަދަ ކާރިސާތައް ކޮންމެ އަހަރަކު ކައިރިކައިރީގައި ތަކުރާރުވަމުންދާ ކަމަށެވެ.

މަރާޕީ ހުންނަ ސަރަހައްދުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ބައިވަރު ކާރިސާތައް ހިނގާފައިވެއެވެ. އެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު މި އަލިފާން ފަރުބަދަ ގޮވުމުން ހިނގަން ނިކުމެ އުޅުނު 23 މީހުން މަރުވެފައިވެއެވެ. މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ފެންބޮޑުވުމުގެ ސަބަބުން ޓެނަ ޑެޓައިގެ އެތައް ގެއަކަށް ގެއްލުންވެފައިވެއެވެ.

މިދިޔަ މަހު މަރާޕީ ގޮވުމުން އެ ފަރުބަދައިން ނުކުތް އަޅި ދެ ކިލޯމީޓަރު އުހަށް ބުރައިގެން ދިޔައެވެ. މި ކަމުގެ ސަބަބުން މަތިންދާބޯޓުތައް ނައްޓާލުމަށް ހުރަސްއެޅުމާއި މަގުތައް ބަންދުކުރުމާއި އަދި 11،000 މީހުން އެހެން ސަރަހައްދުތަކަށް ގެންދަން ޖެހުން ފަދަ ތަކުލީފުތައް ކުރިމަތިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *