އެފްރިކާ ބައްރުގެ އެންމެ މުސްލިމުންގެ އާބާދީ ބޮޑު ނައިޖީރިއާގައި ބޯކޮށް ވާރޭ ވެހި ޖަލެއް ހަލާކުވުމާ ގުޅިގެން އެންމެ މަދުވެގެން 118 ގައިދީން ފިލައިފިއެވެ.
މުސްލިމުންގެ 53 ޕަސެންޓް އާބާދީއެއް އޮންނަ ނައިޖީރިއާއަށް މިދިޔަ ހަފުތާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް އަބޫޖާއާ ކައިރީގައި އޮންނަ ސުލެޖާގެ ޖަލުން ގައިދީން ފިލީ ޖަލުގެ ބޭރު ފާރާއި އެތެރޭގައި ހުރި އިމާރާތްތައް ހަލާކުވުމާ ގުޅިގެންނެވެ.
ޖަލުގެ ތަރުޖަމާނު އާދަމޫ ދުޒާ ވިދާޅުވީ މި ކަން ހިނގީ އެތައް ގަޑިއިރެއް ވަންދެން ވާރޭ ވެހި، މެދުމިންވަރެއްގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ މި ޖަލަކީ އިނގިރޭސީން ނައިޖީރިއާގައި އިސްތިއުމާރީ ވެރިކަމެއް ހިންގިއިރު ހެދި ޖަލަކަށް ވާތީ މި ޖަލު މިހާރު ބާވެފައިވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ސަލާމަތީ ކަންތައްތަކާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން ފިލި ގައިދީންގެ ތެރެއިން 10 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެހެން ގައިދީން ވެސް އަތުލެވޭތޯ ވަރަށް ބޮޑަށް އެބަ މަސައްކަތްކުރަން،" އާދަމޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ސަލާމަތީ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރަމުން އަންނަކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.
"އާއްމު މީހުން ވެސް މި ގައިދީންތައް ހޯދުމުގައި އަޅުގަނޑުމެންނަށް އެހީވުމަށް އެދެން. އެ ގޮތުން ލިބޭ ހުރިހާ މައުލޫމާތެއް އެންމެ ކައިރީގައިވާ ސަލާމަތީ ބާރުތަކުގެ އިދާރާތަކާ ހިއްސާ ކުރުމަށް ގޮވާލަން،" އާދަމޫ ވިދާޅުވިއެވެ.
ފިލީ ކޮން ގައިދީންނެއްތޯ އާއި އެ މީހުން ގުޅިފައި ތިބީ ކޮން ޖަމާއަތަކާ ކަމެއް އާދަމޫ ހާމައެއް ނުކުރައްވައެވެ. މީގެ ކުރިން އެ ޖަލުގައި ނައިޖީރިއާގެ ޓެރަރިސްޓް ގްރޫޕެއް ކަމަށްވާ ބޯކޯ ހަރާމްގެ މެންބަރުން ހައްޔަރުކޮށްފައިވެއެވެ.
ޖަލު ފަޅާލާފައި ގައިދީން ފިލުން މިހާރު ވެފައިވަނީ ނައިޖީރިއާގައި ބޮޑު މައްސަލައަކަށެވެ. ޖަލުތަކުގައި ނުކަތާ ވަރަށް ގައިދީން ބޭތިއްބުމާއި ޖަލުގެ ކަންތައްތައް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓެއް ނުލިބުމާއި ސަލާމަތީ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ނުބެލެއްޓޭތީ ފަހަކަށް އައިސް ޖަލުތަކުން ގައިދީން ފިލުން ވެފައިވަނީ ނައިޖީރިއާގައި ބޮޑު މައްސަލައަކަށެވެ. އެ ގޮތުން އުމްރާނީ ގޮތުން ޖަލުތަކުގެ އިންފްރާސްޓްރަކްޗާގެ ފެންވަރު ދަށް ކަމުންނާއި ހަނގުރާމަވެރި ގްރޫޕްތަކުން ޖަލުތަކަށް ހަމަލާ ދޭތީ މި ފަހަކަށް އައިސް އެތައް ހާސް ގައިދީން ވަނީ ޖަލުތަކުން ފިލައިފައެވެ. މީގެ ތެރެއިން ފާހަގަކޮށްލެވެނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގައި ބައިނަލްއަގުވާމީ ޓެރަރިސްޓް ގްރޫޕެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައި.އެސް.)އިން އަބޫޖާގައި ހުރި ސަލާމަތީ ގޮތުން ވަރުގަދަ ޖަލަކަށް ހަމަލާ ދީ 440 ގައިދީން ފިލުވާފައިވާ ކަމެވެ.
"އަހަރެމެންނަށް އެނގޭ އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ހަދާފައިވާ މިވާ ޖަލުތަކަކީ ބާވެ ހަލާކުވެފައިވާ ޖަލުތަކެއްކަން،" އާދަމޫ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "އަވަސް ފަރުވާއެއްގެ ގޮތުން" ސަރުކާރުން މިހާރު ހަ ޖަލު ހަދަމުން އަންނަ ކަމަށެވެ. މިއިން ކޮންމެ ޖަލެއްގައި 3،000 ގައިދީންގެ ޖާގަ ވާނެ ކަމަށް އާދަމޫ ވިދާޅުވިއެވެ.
"މީގެ އިތުރުން މިހާރު ހުރި ޖަލުތަކުގެ ފެންވަރު ވެސް ރަނގަޅު ކުރަމުން މި އަންނަނީ،" އޭނާ ވިދާޅުވިއެވެ.



advertisment