އިސްރާއީލު ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުން ވަގުތުން ފޭބުމާ ބެހޭގޮތުން އދގެ ޢާންމު ޖަމްޢިއްޔާއިން އެދިފައިވާ ޤާނޫނީ ލަފާ ނުދިނުމަށް އެމެރިކާގެ ޚާރިޖިއްޔާގެ ޤާނޫނީ މުޝީރު ރިޗަރޑް ވިސެކް ބައިނަލްއަޤްވާމީ އިންސާފު ކޯޓުގައި އެދިވަޑައިގެންފިއެވެ. އޭނާ ވިދާޅުވިގޮތުގައި މި މަސައްލަ ޙައްލުކުރަންޖެހޭނީ ބިންހިފުމުގެ ޤާނޫނުގެ ގިއުގަނޑުގެ ތެރޭގައެވެ.
ކޯޓުގެ 15 ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ވިސެކް ވިދާޅުވިގޮތުގައި އެއްވެސް ޝަރްޠަކާނުލައި ފަލަސްޠީނުގެ ބިންތަކުން އިސްރާއީލަށް ފައިބާކަށް ނުޖެހޭނެއެވެ.
އިސްރާއީލުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއާއި އިރުމަތީ ޤުދުސް ހިފީ 1967ގެ ޖޫން މަހުގެ ހަނގުރާމައިގައެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން މިހާރު ވަނީ އިރުމަތީ ޤުދުސް އެމީހުންގެ ބިމަކަށް ހަދައިފައެވެ. މީގެއިތުރަށް އިސްރާއީލުން ދަނީ ޔަހޫދީން ވަޒަންވެރިކުރުވުމަށް ޓަކައި ހުޅަނގު އައްސޭރީގައި އާބާދީތައް ހަދައި އެތަންތާނގައި އިސްރާއީލު މީހުން ވަޒަންވެރިކުރުވަމުންނެވެ.
ވެސިކްގެ ކުރިން މި ކޯޓުގައި މިޞްރާއި ކޮލަމްބިޔާއާއި ކިޔުބާ ވަނީ އިސްރާއީލުގެ ނަސްލީ އިމްތިޔާޒުގެ ސިޔާސަތުތަކާއި ފަލަސްޠީނު މީހުންގެ ބިމަށް އަރައި އޮތްއޮތުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. މިކޯޓުން ފަށައިފައިވާ އަޑުއެހުންތަކުގައި 52 ޤައުމަކުން ވާހަކަދައްކާނެއެވެ. މި ޤައުމުތަކުގެ އިތުރަށް އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއާއި ޢަރަބި ލީގާއި އެފްރިކާގެ އިއްތިޙާދުން ވެސް މި ކޯޓުގައި ވާހަކަ ދފައްކާނެއެވެ.
ބައިނަލްއަޤްވާމީ ކޯޓުގައި އެމެރިކާއިން މި މޭރުމުން ވާހަކަދެއްކުމުގެ އެއް ދުވަސް ކުރިން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލާ ސަލާމަތީ މަޖިލީހުގެ ޤަރާރާ ދެކޮޅަށް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ.



advertisment