Support Us

ރައީސް ނަޝީދުގެ އިސްތިއުފާއަކީ އެންމެ ކަމެއްގެ މައްޗަށް ބިނާވެގެން ހިނގިކަމެއް ނޫން: އިމްރާން

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2012 ވަނައަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހު ވެރިކަމުން އިސްތިއުފާ ދެއްވުން އެއީ އެންމެ ކަމެއްގެ މައްޗަށް ބިނާވެގެން ހިނގި ކަމެއް ނޫން ކަމަށާއި އެއީ އެކި މީހުން އެކި ކަންކަމުގެ އެކި ވައްތަރުގެ ކަންކަން ހިނގައިގެން ދިއުމުން ދިމާވި ކަމެއް ކަމަށް ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބުދުﷲ ވިދާޅުވިއެވެ.

ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވި ފެބްރުއަރީ 7 ވަނަ ދުވަހު ހިނގައިދިޔަ ކަންކަމަކީ ވަރަށް ގިނަ ބަޔަކު އެކި މިންވަރަށް ޒިންމާ އުފުލަން ޖެހޭ ކަމެއް ކަމަށާއި ވަރަށް ބޮޑެތި އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކެއް ކަމަށެވެ.

"އެ ދުވަސްވަރު މުޅި ދައުލަތް އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި. އެއީ ވަރަށް ގިނަ ފަރާތްތަކަކުން އެކި މިންވަރަށް ޒިންމާވާ ކަމެއް. އެކި ފަރާތްތަކުގައި ބައިވެރިވި ޒިންމާ އޮތް މިންވަރަކީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޮތް ކަމެއް،" 7 ފެބްރުއަރީގެ ހާދިސާއަށް އިޝާރާތްކުރައްވާ އިމްރާން ވިދާޅުވިއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހާއި އޭގެ ކުރީ ދުވަސްތަކުގައި މަދަނީ އިއްތިހާދާއި ހުރިހާ އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މާލޭގައި ހިންގި ހަރަކާތްތަކުގައި އިމްރާން ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި އެދުވަހުގެ ހާދިސާއާ ގުޅިގެން އެމްޑީޕީއާއި ރައީސް ނަޝީދުވެސް ވަނީ އިމްރާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލީ ބަގާވާތަކުން ކަމަށް ބުނެފައެވެ.

އިމްރާން މިއަދު އެފަދަ ގޮތަކަށް 7 ފެބްރުއަރީ ސިފަކުރެއްވި ނަމަވެސް އެ ދުވަހު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށާއި އެ ސަރުކާރު މަގުމަތިން ވައްޓާލަންޖެހޭ ކަމަށެވެ. އަދި ސަރުކާރު ވައްޓާލުމަކީ ދީނީ އަދި ގައުމީ ވާޖިބެއްގެ ގޮތުގައި އެދުވަހު ސިފަކުރައްވާ 21 ދުވަހަށް ދެމިގެންދިޔަ މުޒާހަރާތައް ލީޑްކުރައްވާ އެ މުޒާހަރާތަކުގައި އަމަލީ ގޮތުން އިމްރާން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *