ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 އަށް މިއަދު 107 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 78 މީހުންނެވެ. މި ބަލި ޖެހިގެން އިއްޔެ 61 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. އެހެންކަމުން މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރައިފަ އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 107 މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި 29 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ތިން މީހުންނާއި ސްރީލަންކާ މީހެއްގެ އިތުރުން ފިލިޕީންސްގެ މީހެކެވެ.
ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި ޖެހިގެން ރާއްޖެއިން މިމަހުގެ މިހާތަނަށް ހަ މީހުން ވަނީ މަރުވެފަ އެވެ.
ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5679 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2449 ހިމެނޭއިރު 146 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.




advertisment