އަންނަ ޙަމަލާތަކުން ރެކިއުޅުން ބުއްދިވެރި
އަންނަ ފަހި ފިކުރުތައް އިސްކުރުން ޞުލްޙަވެރި
ވަންނަ ބޭރުގެ ނުފޫޒުގެ ނިވަލުގައި ނުފިތި
ދަންނަ މޮޅު ހުނަރުގައި ކުރިއެރުން ފަޚުރުވެރި
ދުނިޔެއިން ޖީލުތައް ދައުރުވާ ނާރެހުން
އުނިއިތުރު ޢިބުރަތުން ދަސްކުރުން ޙައްޤުވެރި
އުއްމަތެއް ދައްކަމުން އަންނަ ގިނަގުނަ އަޖުރު
އުއްތަމުން ފެތުރުމަށް ފަލިޖެހުން ބާއްޖަވެރި
ވެއްޓެމުން ނެއްޓެމުން އަންނަ ސުންޕާތަކަށް
ހެއްލެމުން ގެއްލެމުން ގެނބިގަތުން ފާފަވެރި
ލާމަސީލުގެ އަސަރު ފަސްއަޅައި ފޮރުވަމުން
ދާ މަގަށް ތެޔޮއަޅައި ހުޅުޖެހުން ފިތުނަވެރި
ޝައްކު ޝުބުހާގެ ރަހަ އަރުތެރޭ ލައްވަމުން
ރައްކަލަށް ތިރިވެލައި އިސްޖެހުން މަކަރުވެރި
މާތްވި ދީނާ ދިވެހިވަންތަ ފޭރާމުގައި
މާތްވި ދުސްތޫރަޔަށް ބޯލެނބުން ދަރުމަވެރި