Support Us

އެމެރިކާއިން ދޭ ކޮންމެ ޙަމަލާއަކަށް އީރާނުން ރައްދުދޭނެ

އެމެރިކާއިން އީރާނުގެ ބިމަކަށް ނުވަތަ މަޞްލަޙަތަކަށް ނުވަތަ ރައްޔިތަކަށް އެމެރިކާއިން ދޭ ކޮންމެ ޙަމަލާއަކަށް ރައްދު ޙަމަލާ ދޭނެކަމުގެ އިންޒާރު އދގައި ހުންނަވާ އީރާނުގެ މަންދޫބު އަމީރު ސަޢީދު ދެއްވައިފިއެވެ. 

 އީރާނުގެ ރަސްމީ މީޑިއާތައް މެދުވެރިކުރައްވައި، އީރާނުގެ މަންދޫބު މި އިންޒާރު ދެއްވީ އުރްދުންގައި އޮންނަ އެމެރިކާގެ ޢަސްކަރީ ބޭހަށް ދިން ޙަމަލާއަށް ރައްދުދޭނެ ގޮތް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމަވައިފި ކަމަށް އިއްޔެ އިޢުލާން ކުރެއްވުމުންނެވެ. މި ބޭހަށް ދިން ޙަމަލާގެ ސަބަބުން އެމެރިކާ ސިފައިންގެ ތިން މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމުވިއެވެ.

ރައީސް ބައިޑެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އަހުރެން އެކަމުގެ މަސްއޫލިއްޔަތު އީރާނުގެ ބޮލުގައި އަޅުވަމެވެ. އެ ޙަމަލާ ދިން މީހުންނަށް ހަތިޔާރުދީ ވާގިވެރިވަނީ އީރާނުން ކަމުގައިވާތީއެވެ." 

ބައިޑެން މިކަމާ ބެހޭގޮތުން އިތުރު ތަފްޞީލެއް ނުދެއްވައެވެ. އެހެނަސް ވައިޓްހައުސްގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޯން ކަރބީ ހާމަކުރެއްވި ގޮތުގައި "އެމެރިކާއިން ޙަމަލާދޭނީ ފިޔަވަހިކޮށެވެ. އެކަމުގައި އެތައް އިޖްރާތުތަކެއް ހިމެނިދާނެއެވެ."

މި ޙަމަލާގެ މަސްއޫލިއްޔަތު ޢިރާޤުގެ ޙިޒްބުﷲ ޖަމާޢަތުން ވަނީ އުފުލައިފައެވެ. މި ބޭހަކީ ލޮޖިސްޓިކް ވާގިވެރިކަން ފޯރުކޮށްދޭ ބޭހެކެވެ. ޢިރާޤު ސަރުކާރުން ދިން އިންޒާރުތަކާކާ ވިދިގެން އެ ޖަމާޢަތުން ވަނީ އިތުރު ޙަމަލާއެއް ނުދޭނެކަމަށް ބުނެފައެވެ. ޙިޒްބުﷲ އިން ބުނާގޮތުގައި އެ ގޮތަށް ނިންމީ ޢިރާޤު ސަރުކާރަށް އުދަނގުލަކާ ކުރިމަތިވެދާނެތީއެވެ.

ޙިޒްބުﷲ ބުނާގޮތުގައި މިއީ އީރާނާ ގުޅިގެން ދޭ ޙަމަލާތަކެއް ނޫނެވެ. އިސްރާއީލުން ސޫރިޔާއާށް ދެމުންދާ ޙަމަލާތަކުގައި އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުން 20 ޖަނަވަރީގައި ވަނީ ފަސް މީހަކު މަރުވެފައެވެ. އަދި 25 ޑިސެންބަރުގައި ދިން ޙަމަލާގައި ވަނީ ދެ މީހުން މަރުވެފައެވެ. މި ދިޔަ ހޯމަ ދުވަހު ވެސް އިސްރާއީލުން ވަނީ ސޫރިޔާގައި އީރާނުގެ ޢަސްކަރީ މުޝީރުން ތިބޭ ތަނަކަށް ޙަމަލާ ދީ އެތައް ބަޔަކު މަރައިލައިފައެވެ.

އީރާނުން ބުނާގޮތުގައި މި މަހު 15 ވަނަ ދުވަހު އީރާނުން ވަނީ ޢިރާޤުގެ ކުރްދިސްތާނުގައި ހުންނަ އިސްރާއީލުގެ ޖާސޫސީ މަރްކަޒަކަށް ޙަމަލާދީފައެވެ. ކުރްދިސްތާނަކީ ދާޚިލީ މިނިވަންކަން އޮންނަ ސަރަޙައްދެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *