Support Us

ޓްރަމްޕްގެ ކޮއްކޯފުޅު އެޑްމިޓްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކޮއްކޯފުޅު ނިއުޔޯކް ހޮސްޕިޓަލެއްގައި އެޑްމިޓުކޮށްފި ކަމަށް ވައިޓްހައުސުން ބުނެފި އެވެ.

މިކަމާއި ގުޅިގެން އޭބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވައިޓްހައުސްގެ ތަރުޖަމާނު ކޭލެއި މެކެނީ ވިދާޅުވީ ޓްރަމްޕްގެ ކޮއްކޯފުޅު ރޮބަރޓް ޓްރަމްޕް އެޑްމިޓުކޮށްފައިވާ ކަމަށާއި، އޭނާއަށް ޒިޔާރަތްކުރުމަށް މިރޭގެ ވަގުތެއްގައި ރައީސް ޓްރަމްޕް ނިއުޔޯކަށް ފުރަވައިވަޑައިގަންނަވާނެ ކަމަށެވެ.

ރޮބަރޓް އެޑްމިޓްކުރި ސަބަބު ހާމަކޮށްފައިނުވި ނަމަވެސް، އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށް އެޤައުމުގެ މީޑިއާތަކުން ބުނެ އެވެ. މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ރޮބަރޓްވަނީ ހާލުދެރަވެގެން ނިއުޔޯކްގެ މައުންޓް ސިނާއީ ހޮސްޕިޓަލުގައި އެއް ހަފްތާ ވަންދެން އެޑްމިޓުކޮށްފަ އެވެ. ޓްރަމްޕް އޮގަނައިޒޭޝަންގެ އިސް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ރޮބަރޓްއާއި ރައީސް ޓްރަމްޕާއި ދެމެދުގައި ގާތް ގުޅުމެއް އޮންނަ ކަމަށާއި އޭނާއަކީ ޓްރަމްޕްގެ ހަޔާތްޕުޅުގައި ވަރަށް މުޙިއްމު ދައުރެއް އަދާކުރައްވާ ބޭފުޅެއް ކަމަށް ވައިޓްހައުސްގެ ތަރުޖަމާނު ވިދާޅުވި އެވެ.

ރޮބަރޓް ޓްރަމްޕް އެންމެ ފަހުން ޚަބަރުތަކުގެ ސުރުޙީއަށް އަރައިފައި ވަނީ މޭރީ ޓްރަމްޕާއި ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. މޭރީ ޓްރަމްޕަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބޭބޭފުޅު ފްރެޑް ޓްރަމްޕް ޖޫނިއަރގެ ދަރިކަނބަލެކެވެ. ޓްރަމްޕް އާއިލާއިން އޭނާއާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ އެ އާއިލާގެ ޒާތީ މަޢުލޫމާތު ހިމެނޭ ފޮތެއް ޝާޢިޢުކުރުމަށް މަސައްކަތް ކުރުމުންކަމަށް ބުނެ އެވެ.

އެފަދަ ފޮތެއް މޭރީ ލިޔުނީތީ ހިތްހަމަނުޖެހުން ފާޅުކޮށް، ރޮބަރޓް ވިދާޅުވެފައި ވަނީ ރައީސް ޓްރަމްޕަކީ އެމަނިކުފާނުގެ މުޅި އާއިލާއިން ފަޚުރުވެރިވާ މާތް ބޭފުޅެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *