Support Us

ނައިޖަރު- އެކޮވަސް އިން އަޅާނެ ފިޔަވަޅެއްގެ އިންތިޒާރުގައި

 އެކޮވަސް ޖަމާޢަތުގެ ޗީފް އޮފް ސްޓާފުން ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ނައިޖަރުގެ މަސްއަލައާ ބެހޭގޮތުން  ބަޙުސްކުރެއްވުމަށް ޓަކައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފަރަންސޭސި ނޫސް އޭޖެންސީ ބުނެފިއެވެ.

މި ޖަމާޢަތުގެ ޗީފް އޮފް ސްޓާފުންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެހެނަސް "ފަންނީ ސަބަބުތަކަކާ" ހެދި މި ބައްދަލުވުން ފަސްކުރެވުނީއެވެ.

ނައިޖަރަށް 26 ޖުލައިގައި ގެނައި އިންޤިލާބާ ވިދިގެން އެކޮވަސްގެ ޒަޢީމުން ވަނީ ނައިޖަރަށް ދުސްތޫރީ ނިޒާމު އިޢާދަކުރުމަށް ޓަކައި ފިޔަވަޅު އެޅުމަށް ނިންމަވައިފައެވެ. 

އެފްރިކާގެ ސަލާމަތާއި ޞުލްޙަޔާ ބެހޭ މަޖިލީހުން ވަނީ ނައިޖަރާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ނާކާމިޔާބުވެފައެވެ. އެ މަޖިލީހުގައި ބަޙުސްކުރޯ ނައިޖަރު އެ މަޖިލީހުގެ މެންބަރުކަމުން ވަގުތީގޮތުން ވަކިކުރުމާ ބެހޭގޮތުންނެވެ. ޖަޒީރާ ބުނާގޮތުގައި އެ މަސްއަލައިގައި މެންބަރުންގެ ޚިޔާލުވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ބައެއް ޤައުމުތަކުން ބުނާގޮތުގައި އެފްރިކާގެ އިއްތިޙާދުން ނައިޖަރު ވަކިކުރުމަކީ ނައިޖަރުގެ ރައީސްކަމުން ޢަޒްލުކޮށްފައިވާ ރައީސް ބާޒޫމްގެ ވެރިކަމުގެ ޤާނޫނީވަންތަކަން ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ކުރިމަތީގައި ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި އެކަމުގެ ސަބަބުން އިންޤިލާބީ ވެރީންގެ ބާރު ވަރުގަދަވެގެންދާނެ ކަމެކެވެ.

ސަފީރު ގެނައުން

އަނެއްކޮޅުން ބަލާއިރު ނައިޖަރުގެ ޢަޒްލުކޮށްފައިވާ ރައީސް ބާޒޫމު ވެރިކަމަށް އިޢާދަކުރުމަށް ޓަކައި ޢަސްކަރީ ބާރުގެ ބޭނުންކުރުމަށް مدة އައިވަރީ ކޯސްޓްގެ ރައީސް ޙަސަން ވަޓާރާ ގޮވައިލެއްވުމުން އަބީޖާނުގައި ހުންނެވި ނައިޖަރުގެ ސަފީރު މަޝްވަރާކުރެއްވުމަށް ޓަކައި ނައިޖަރަށް ގެނެސްފިއެވެ. ނައިޖަރުގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހުގެ މެންބަރެއްކަމުގައިވާ ކަރނަލް އަމާދޫ ޢަބްދުއްރަޙްމާން  ވިދާޅުވާ ގޮތުގައި އައިވަރީ ކޯސްޓްގެ ރައީސް  ޢަސްކަރީ ބާރާއެކު ނައިޖަރަށް އަރާ ވާހަކަ އެ ދައްކަވަނީ އޭނާއަށް ބޭރުގެ ބާރަކުން ކުރި އަމުރަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޭނާ އެއީ ކޮން ރަށެއް ކަމެއް ވިދާޅެއް ނުވެއެވެ.

ވަޓާރާ ވިދާޅުވި ގޮތުގައި އައިވަރީ ކޯސްޓުން 850 އާއި 1100 އާ ދެމެދުގެ ޢަދަދަކަށް ސިފައިން ފޮނުވާނެއެވެ. ނައިޖީރިޔާއާއި ބަނީނުން ވެސް ވަނީ ސިފައިން ފޮނުވާނެކަމަށް ބުނެފައެވެ.

އެކޮވަސްގެ ޒަޢީމުން މި ދިޔަ ބުރާސްފަތިދުވަހު ވިދާޅުވި ގޮތުގައި އެބޭފުޅުން އިސްކަންދެއްވަނީ ޑިޕްލޮމެޓިކް ވަސީލަތްތަކުން މަސްއަލަ ޙައްލު ކުރެއްވުމަށެވެ. 

ބާޒޫމް ޝަރީޢަތަށް ހުށައެޅުން

އަނެއްކޮޅުން ނައިޖަރުން ޚަބަރު ލިބޭގޮތުގައި އިންޤިލާބީ ވެރިން މިހާރު ތައްޔާރުވެ ވަޑައިގަންނަވަމުން ދަނީ ޢަޒްލުކުރެވުނު ރައީސް  އެންމެ ބޮޑު ޚިޔާނަތުގެ ކުށުގައި ޝަރީޢަތަށް ހުށައަޅާށެވެ. ކަރނަލް އަމާދޫ ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި ހައްޔަރުކޮށްފައި ހުރި ކުރީގެ ރައީސް ބާޒޫމް ޝަރީޢަތަށް ހުށައެޅުމަށް ޓަކައި ޢަސްކަރި މަޖިލީހުން މިހާރު ދަނީ ހެކިތައް ޖަމާކުރަމުންނެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ބާޒޫމްގެ މުޝީރު އިތިންކާލުލް ޙަސަން ވިދާޅުވާ ގޮތުގައި ރައީސް ބާޒޫމުގެ އިސްތަށިފުޅުގައި އެންމެ ބޮޑު ޚިޔާނަތުގެ ކުށް އެޅުވޭފަދަ އެއްވެސް ކުށެއް އޭނާ ކުރައްވައިފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ބާޒޫމް އިސްތިޢުފާއެއް ނުދެއްވާނެއެވެ. އޭނާ ވިދާޅުވިގޮތުގައި ރައީސް ބާޒޫމް ވެރިކަމަށް އެނބުރިވަޑައިގަތުމަށްފަހު އިންޤިލާބީ އެއްވެސް ވެރިއަކު ޝަރީޢަތަކަށް  ނުފޮނުއްވާނެއެވެ. އެއީ  ޤައުމުގެ އެންމެ މަތީ މަޞްލަޙަތު ރައްކައުތެރި ކުރެއްވުމަށް ޓަކައެވެ. 

މި މަސްއަލައާ ބެހޭގޮތުން ވޮޝިންގްޓަން ވެސް ބުނަނީ ޢަސްކަރީ ބާރުގެ ބޭނުންކުރަން ޖެހޭނީ އެންމެ ފަހު ވަސީލަތެއްގެ ގޮތުގައެވެ. އިސްކަން ދޭންޖެހޭނީ ޞުލްޙަވެރި ޙައްލަށެވެ.

ޕޫޓިންގެ ގޮވައިލެއްވުން 

އަނެއްކޮޅުން ނައިޖަރުގެ މަސްއަލައަށް ޞުލްޙަވެރި ޙައްލެއް ގެނައުމަށް ރަޝިޔާގެ ރައީސް ޕޫޓިން މިއަދު ގޮވައިލައްވައިފިއެވެ. މާލީގެ ރައީސް އަސީމީ ގުވީޓާއާ ފޯނުން ބައްދަލު ކުރައްވާ ޕޫޓިން ނައިޖަރުގެ މަސްއަލައާ ޢަސްކަރީ ބާރުން ނުކުޅުމަށް ގޮވައިލެއްވިއެވެ. ކްރެމްލިނުން ބުނިގޮތުގައި ރައީސް ޕޫޓިން މި މަސްއަލަ ޞުލްޙަވެރި ވަސީލަތްތަކުން ޙައްލުކުރުމަށް އެކޮވަސްގެ ޒަޢީމުންނަށް ގޮވައިލެއްވިއެވެ.

މާލީގެ ދިފާޢީ ވަޒީރު ސާޑިޔޯ ކަމާރާ ވިދާޅުވިގޮތުގައި ބޭރުގެ ބައެއް ޤައުމުތަކުން އެފްރިކާގެ މަސްއަލަތަކަށް އެމީހުން ބޭނުންވާ ޙައްލުތައް ގެންނަން ލާޒިމުކުރާތަން ފެނެއެވެ. 

މި މަސްއަލައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖަޒާއިރުގެ ޚާރިޖީވަޒީރު އަޙްމަދު ޢައްޠާފު ވޯޝިންގްޓަން ޕޯސްޓަށް ވިދާޅުވި ގޮތުގައި ލީބިޔާގެ މަސްއަލައިން ޢިބްރަތް ޙާޞިލްކޮށްގެން  ނައިޖަރުގެ މަސްއަލައިގެތެރެއަށް ބޭރުގެ ބާރުތައް ވަނުން މަނާކުރަން ވަނީ ޖެހެއެވެ. އޭނާ ވިދާޅުވިގޮތުގައި އަވަށްޓެރި ލީބިޔާއަށް ބޭރުގެ ބާރުތައް ވަދެ އެ ޤައުމު ޚަރާބުކޮށްފައި ފައިބައިގެން ދިޔުމުން އެކަމުގެ މުޞީބާތްތައް ތަހައްމުލު ކުރާން މިއަދު މި ޖެހޭނީ އަވަށްޓެރި ޤައުމުތަކަށެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *