މިއީ އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތާ ގުޅިގެން ދިވެހި ސިފައިން ގދ. ތިނަދޫގައި މިއަދު ބޭއްވި ޝަރަފުގެ ހިނގާލުމުގެ ފޮޓޯއެކެވެ. ސިފަައިންގެ ފޮޓޯގްރާފަރު ސާޖެންޓް ސާމިޙް ޝަރީފުގެ ލެންސް ކުއްލިއަކަށް އަމާޒުވެގެން ދިޔައީ ސިފައިންގެ ޔުނީފޯމުގައި ހުރި ތުއްތު ކުއްޖަކަށެވެ. އެއީ އެ ތުއްތު ކުއްޖާ އެއް އަތުން ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދިދައެއް ހިފައިގެން އަނެއް އަތުން ސިފައިންނަށް ސެލިއުޓްކޮށްލި ޚާއްޞަ ވަގުތުކޮޅެވެ. އެ ތުއްތުތުއްތު ހިތުގައި ސިފައިންނާމެދު އޮތް ލޯބި ހާމަކޮށް، ފާޅުކޮށްލި މުހިންމު ވަގުތުކޮޅެވެ.
ސިފައިންގެ ކެމަފުލާޖު ޔުނީފޯމެއްގައި ހުރުމުން އެކަނި ވެސް އެ ތުއްތު ހިތުގައި ސިފައިންނާއި ސިފައިންގެ ޚިދުމަތަށް ދީފައިވާ މަތިވެރި މަޤާމާއި ދަރަޖަ ހާމަވެއެވެ.
މާލެއާއި އަތޮޅު ތެރޭގައި ސިފައިން ބާއްވަމުންދާ ޝަރަފުގެ ހިނގާލުންތަކުން މީގެ އެތައްއެތައް މަންޒަރެއް މިހާރު ފެންނަމުންދެއެވެ. ޚާއްޞަކޮށް ތުއްތު ކުދިންގެ ފަރާތުން ވަރަށް ބޮޑު ޝައުޤުވެރިކަމަކާއި އުފާވެރިކަމެއް ފެނެއެވެ. މީގެން ފެނިގެން ދަނީ މުޖުތަމަޢުން ސިފައިންނާމެދު ދެކޭ ގޮތާއި ތަސައްވުރުކުރެވެ. ސިފައިންގެ ޚިދުމަތުގެ މުހިންމުކަން ވަޒަންކުރާ މިންވަރެވެ.
ކުރިއާ ޚިލާފަށް އަތޮޅުތެރޭގައި ޝަރަފުގެ ހިނގާލުން ބާއްވާ މިންވަރު ސިފައިން މިހާރު ވަނީ އިތުރުކޮށްފައެވެ. މިއީ އަތޮޅުތަކުގައި ދިރިއުޅޭ ކުދިންނަށް ލިބިގެންދާ ތަފާތު ފުރުސަތެކެވެ. ގިނަ ކުދިންތަކަކަށް އެކުދިންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ޝަރަފުގެ ހިނގާލުމެއް ބަލާލަން ލިބޭ ފުރުސަތެވެ. ބައެއް ކުދިންނަށް ސިފައިންނާއެކު "ބޭންޖަހާލަން" ލިބޭ އަގުހުރި ވަގުތުކޮޅެކެވެ. ރަށްރަށު ސްކޫލުތަކުގެ ކެޑޭޓުންނާއި ބޭންޑުގެ ދަރިވަރުންނާއި ސުކައުންޓާއި ގާލްގައިޑުންނަށް މިއީ މުޅިން އާ އަދި ތަފާތު ތަޖުރިބާއެކެވެ. ޤައުމީ ރޫޙާއި ޤައުމީ ލޯބީގެ ޝުޢޫރުތައް އިހުސާސްކުރެވޭ އުފާވެރި ރަނުގެ ފުރުސަތެކެވެ.
ސެލިޔުޓް ކޮށްގެން މިހިރަ ލޯބިލޯބި "ތުއްތުތުއްތު ސިފައިންގެ ކުއްޖާ"އަށް އަދި އެއް ފަހަރު ބަލާލާށެވެ. އެ މައުސޫމު ލޯބިލޯބި މޫނާއި އެ ހަރަކާތްތައް ބުނާ ކަހަލައެވެ.
"ލޯބީގެ ޙައްޤުގައި މިތާ، ޤުރުބާންވުމަށް ފަހެއް ނެތޭ
ލޯތަކުގެ ކުރިމަތީވަނީ، ފުރިހަމަ ޝަހީދު ވާހިތޭ
އިރުއިރުކޮޅާ އެ އަންނަހާ، ދުޝްމަންތަކުންގެ ކުރިމަތީ
ބިރުނެތި ފުރާނަ ނެރެލުމަށް، ޤައުމަށްޓަކައި އުޅޭހިތޭ
މެރިގެން ދެލޯ މި ފަސްގަނޑުން، އަޅުގަނޑު ނިކުންނައިރުވަނީ
އުންމަތުގެ ޙައްޤުގައި ޖިހާދު، އަދި އެއްފަހަރު ކުރާހިތޭ."
* އަބްދުﷲ ސައީދުގެ ލިއުއްްވުމަކުން



advertisment