ރޫސީ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔުކްރޭންގެ ޚަރސަން ސަރަޙައްދުގެ ދެކުނުގައި ހުރި ނޯވާ ކަޚޮވްކާ ޑޭމް މިއަދު ފަޅައިގެންގޮސް ހަލާކުވެއްޖެއެވެ. މި ކަމުގެ ސަބަބުން އެ ހިސާބުގެ ރަށްތަކުގައި ފެންބޮޑުވަމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ. މި ޑޭމް ގޮއްވައިލާ ހަލާކުކޮށްލީ ރަޝިޔާއިން ކަމަށް ކިޔީވުން ތުހްމަތުކުރާއިރު މޮސްކޯ ބުނާގޮތުގައި މި ޑޭމަށް ޙަމަލާދީ ހަލާކުކޮށްލީ ކިޔީވުންނެވެ.
ޓާސް ބުނާގޮތުގައި "ރޭ އެ ހިސާބު އޮތީ ވަރަށް ހަމަހިމޭންކޮށްނެވެ. ރޭ މި ޑޭމަށް ވައިގެ ޙަމަލާއެއް ދީފައެއް ނުވެއެވެ."
ނޯވާ ކަޚޮވްކާގެ މޭޔަރ ވިދާޅުވާ ގޮތުގައި ވައިގެ ޙަމަލާތަކެއްގެ ސަބަބުން މި ޑޭމްގެ މަތީ ބައި ވަނީ ހަލާކުވެފައެވެ. ރަޝިޔާގެ މަސްއޫލުވެރިއަކާ ޙަވާދީ ޓާސް ބުނިގޮތުގައި މި ޑޭމް ހަލާކުވުމުގެ ސަބަބުން ޒަބަރޯޖިޔާގެ ނިޔުކްލިއަރ އިސްޓޭޝަނަށް އެއްވެސް ބޮޑު ބިރެއް ނެތެވެ.
ޔުކްރޭނުން ތުހްމަތުކުރާ ގޮތުގައި ޚަރސަންގެ ނޯވާ ކަޚޮވްކާ ޑޭމް ގޮއްވައިލީ ރަޝިޔާއިން ރޭގައެވެ. ޔުކްރޭންގެ ޢަސްކަރީ އިދާރާ ބުނާގޮތުގައި މި އިދާރާއިން މިހާރު ދަނީ އެ ޑޭމަށް ލިބިފައިވާ ގެއްލުންތަކާއި އެ ޑޭމުން ފެން ނުކުންނަމުންދާ ފެނުގެ ބާރުމިނާއި މި ފެނުގެ ސަބަބުން ގެއްލުން ލިބިދާނެ ކަމަށް ލަފާކުރެވޭ ރަށްތައް ކަނޑައަޅަމުންނެވެ.
ޔުކްރޭންގެ ރައީސް ޒިލެންސްކީ ވަނީ މި ޑޭމް ގޮއްވައިލައިފާނެ ކަމުގެ އިންޒާރު ދެއްވައި މި ކަމުގެ ނުރައްކާތެރިކަމާމެދު ވިސްނުމަށް ހުޅަނގަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތަކީ މި ޑޭމަކީ ވަރަށް އިސްތިރާތީޖީ ޑޭމެކެވެ. މި ޑޭމް ހަލާކުކޮށްލައިފިނަމަ ދެކުނު ޔުކްރޭނުގެ ފުޅައު ސަރަޙައްދެއް ޣަރަޤު ވެދާނެއެވެ. ޒިލެންސްކީ ތުހްމަތު ކުރައްވައިފައިވާ ގޮތުގައި ރޫސީން ވަނީ މި ޑޭމް ވަށައިގެން މައިންތައް ވަޅުލައިފައެވެ.
އަނެއްކޮޅުން ރަޝިޔާ ބުނާގޮތުގައި ޔުކްރޭނުން ދަނީ މި ޑޭމަށް ޙަމަލާދީ މި ޑޭމު ގޮއްވައިލަން ރާވަމުންނެވެ. މޮސްކޯއިން ބުނިގޮތުގައި ޔުކްރޭނުން ރާވަމުންދަނީ މި ޑޭމް ހަލާކުކޮށްލުމަށްފަހު އެ ކަމުގެ ތުހްމަތު މޮސްކޯގެ ބޮލުގައި އެޅުވުމަށެވެ.
ރިޕޯޓަރުން ބުނާގޮތުގައި ރަޝިޔާއިން ހިފައިފައިވާ ޔުކްރޭނުގެ ކްރެމިޔާ ސަރަޙައްދަށް ފެން ލިބެނީ މި ޑޭމުން ކަމުގައިވާތީ މޮސްކޯއިން މި ފަދަ ކަމެއް ކުރާނެކަމަކަށް ލަފައެއް ނުކުރެވެއެވެ.



advertisment