Support Us

އަރބަންކޯއިން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި

އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރި ޖަލުގެ މަސައްކަތް ނިންމައި ކަރެކްޝަންސްއާ ހަވާލުކޮށްފިއެވެ.

އަރބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ މާލެ ޖަލު ހިންމަފުއްޓަށް ބަދަލުކުރުމުގެ ގޮތުން ކުރި މަސައްކަތެއް ކަމުގައި އަރބަންކޯ އިން ބުނެއެވެ.

"އެގޮތުން މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދައި ނިމެން ގާތްވެފައިވާއިރު، އެތަނުގައި ދަރުވަރުންނަށް ކިޔަވައިދޭން ފަށަންވާއިރަށް ޖަލު އެ ސަރަހައްދުން ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެހެންވެ ރައީސް އޮފީހުގެ އެދުމުގެ މަތިން އަރބަންކޯގެ ފަރާތުން ހިންމަފުށީގައި ތަރައްގީކުރީ މީގެ ކުރިން ބޭނުންކޮށް، ވީރާނާވެފައިވާ ބައު އިމާރާތެކެވެ. އެތަނުގައި މި ކުންފުނީގެ ޓީމުން މިހާރު ވާނީ ހަތަރު ބްލޮކް ހިމެނޭ ގޮތަށް ޖަލެއް އިމާރާތްކޮށްދީފައެވެ. ޖާގައިގެ ގޮތުން މީގެއިން ކޮންމެ ބްލޮކެއްގައި ގާތްގަނޑަކަށް 16 ގައިދީން ބޭތިއްބޭނެއެވެ. އަދި ގައިދީން ބޭނުންކުރުމަށް 12 ފާހަނައިގެ ފާހަނަބަރިއެއް އެތަނުގައި އިމާރާތްކޮށްފައިވާނެއެވެ. އަދި މައި އިމާރާތުގެ ސްޓަރްކްޗަރ އާއި، ކަރަންޓުގެ މަސައްކަތާއި، ރިނޮވޭޝަންއަށް ބޭނުންވާ ހުރިހާ ކަމެއް މި ކުންފުނިން ވާނީ ކޮށްފައެވެ. މަސައްކަތްތައް ނިންމާލުމަށް ފަހު ކުންފުނީގެ ފަރާތުން މިހާރު ވާނީ އެތަން ކަރެކްޝަންސްއާ ހަވާލުކޮށްފައެވެ." އަރބަންކޯގެ ބަޔާނުގައިވެއެވެ.

"އަރބަންކޯގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ހުޅުމާލެ ތަރައްގީކުރުމާއި، ހުޅުމާލެ އަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނުނު ކަމުގައިވީ ނަމަވެސް މި ކުންފުނީގެ ބިޔޯންޑް ހުޅުމާލެ ޕްލޭންގެ ދަށުން ކުންފުނިން އަންނަނީ އާންމު މުޖުތަމައުއަށް ބޭނުންވާ އެހެނިހެން ކަންކަން ވެސް ކޮމިއުނިޓީ ރެސްޕޮންސް ޓީމުގެ ދަށުން ކުރަމުންނެވެ. އެގޮތުން ހިންމަފުށީ ޖަލުގެ މަސައްކަތަކީ ވެސް އެ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތެކެވެ."