ތުރާތައް ގިނަ އުރާލައިގެން ހިތާ ދެކޮޅަށް އުޅެންޖެހެނީ
މުރާދެއް ނެތް ނުތަނަވަހުގައި ދެލޯ ފޮރުވައި ބަލަންޖެހެނީ
ހަތާވީހުގެ ރޮނގެއްގައި ލިޔެވިފައި ގާނޫނުގައި އޮތަކަސް
މިތާ މިނިވަންކަމެއް ނެތްކަން ގަބޫލުކުރަން ހިތުންޖެހެނީ
ހަަގީގަތް ހާމަކުރިނަމަހީ އަނގުރު އަލިފާނު ރޯޅިން ފިހި
އަގީދާއަށް އަސަރުފޯރާ ވަރަށް ގަނަތެޅި ތޮޅެންޖެހެނީ
ބުނަން ބޭނުންވިޔަސް އަނގައިން ތަޅެއްލައި ދޫ ތުނބާއެކުގައި
ފުނަށް ވަދެ ހިތު ބަތާނައިގައި ބޮނދައި އޮންނަން ފިކުރު ޖެހެނީ
އަމާންކަމުގައި ޖަހައި ކޮޅުފައިން ނުރުހި ހުރެގެން މަގުން ކަތިކޮށް
ޒަމާނުގެެ މަސްލަހަތު ގައިގައި އޮޅާލައިގެން ހިގަން ޖެހެނީ
ބަލާއިރު ކޫރުމެއް ފެންނަން ނެތަސް މީހުން ފުށުން އަމުދުން
ހަލާކުވެ ފާވެފައިވާތީ އެތެރެ ފެނުމުން ސިހެންޖެހެނީ
މި ދީނުގެ ހުއްދަކުރި ޝޫރާގެ ބޭނުން ހެޔޮ ގޮތަށް ނުހިފާ
ނިދީގައި ތިބެ ވެގެން އިހުމާލު ކަންކަމުގައި ޅަދަށުޖެހެނީ
ސަރާސަރު މަގު ހިނގަން އޮއްވާ ކަރާމާތަށް އަރައި ޗިސްކޮށް
ބަރާ ކުށްފާފައިން ވެވިގެން ފަރާތަށް އެނބުރި ދާންޖެހެނީ
