ޙަޔާތެއް އާ އުފާވެރި ލިބޭނީ އަދު ކިހިނަކުންބާއޭ
ގަޔާވެވިގެން އެކީއެކުގައި އުޅޭނީ ކިހިނަކުންބާއޭ
ވަފާތެރި ލޯތްބަކަށް އިތުބާރު ދޭން ނޭގެނީބާއޭ
ތަފާތު ޚިޔާލު ލިބިގެން ބަދަލު އެވަނީ ކިހިނަކުންބާއޭ
އެހާ އަވަހަށް ޒަވާޖީ ގުޅުން ކެނޑުމީ އާދައެއްބާއޭ
މިހާރުގެ މީހުނަށް ޖެހޭމީ ބައްޔަކަށް ނުވެދާނެބާއޭ
ޒަމާނީ ހަމަތަކާ މިނިވަންކަމުން ވީ އައިކަމެއްބާއޭ
އަމާނާތެއް ކަމަށް ޒަމާނީ ފޮތްތަކުން ނޭނގެނީބާއޭ
މަޤާމާ ދަރަޖަ މަތިވެރިވުން އެދޭތީ ވާކަމެއްބާއޭ
ޒަމާން ގެނުވާނެ ބަދަލުން މޭލިވާކަން ނޭގެނީބާއޭ
ބަގީޗާގައި މަލެއް ފޮޅުމުން އެތާ މާބުރު އުޅޭތާއޭ
ޙަޤީގަތް ނޭނގިހުރެ ބިދެލުމަކީ ވެވޭ މޮޔަ ކަމެއްބާއޭ
މަލެއްގެ ޢަޒީޒުކަން ނޭނގޭ ބަޔަކު ވެސް އަދު ތިބީތާއޭ
ކަމެއް ލޯބިން ކުރަން މިބަޔަކު އުޅޭނީ ކިހިނަކުންބާއޭ
ހިތެއްގައި ރަޙުމު ނެތުމުން ދެންދެނީ އަނިޔާތަކެއްތާއޭ
ފިތެން އަނިޔާތަކަށް އަބަދަށް ތިބޭނޭ ހަމަ ހީވަނީބާއޭ
