މިވެސް މިޞްރު އަންހެނަކަށް ދިމާވި ކަމެކެވެ. ފިރިމީހާ ކޮންމެ ދުވަހަކު އޮފީހުން ގެޔަށް އައިސް ޒުވާބުކުރަނީ އެވެ. މިކަމާ އަންހެން މީހާ ހަދާނެ ގޮތް ހުސްވެގެން އޭނާގެ މަންމަ ގާތަށް ޝަކުވާ ހިފައިގެން ދިޔައެވެ. މި އަންހެން މީހާގެ ވާހަކަތައް އަޑު އަހާފައި އޭނާގެ މަންމަ ބުންޏެވެ. "ތިޔައީ މާކަ ބޮޑުކަމެއް ނޫނެވެ. އެއް ލީޓަރުގެ ފެންފުޅިއެއް ހިފައިގެން އަންނާށެވެ."
ދެންފަހެ މިކަނބުލޭގެ ފެންފުޅި ހިފައިގެން ދިޔުމުން އޭނާގެ މަންމަ ވަރަށް ގިނައިރު އެ ފެންފުޅި އަށް ބަލަހައްޓައިގެން އިނުމަށްފަހު އޭނާ އަތަށް ދީފައި ބުންޏެވެ. "ފިރިމީހާ ގެޔަށް އައުމާ އެކު ކޮންމެ ދުވަހަކުވެސް މީގެން ކޯވަރެއް އަނގަޔަށް އަޅާށެވެ. ނަމަނަމަ ދިރުވާ ނުލައްޗެވެ. ފިރިމީހާ އައިސް ހެދުން ބަދަލުކޮށް، އޭނާ ކޮފީއެއް ބޮއެގެން ހަމަޖެހިލަންދެން، އެފެން ބަހައްޓަން ވާނީ އަނގަތެރޭގައެވެ. ހަނދާން ކުރައްޗެވެ. އޭގެ ކުރިން ފެންކޯވަރު ދިރުވާނުލައްޗެވެ."
ދެން މިކަނބުލޭގެ ފެންފުޅި ހިފައިގެން އުފަލުން ދިޔައެވެ.
ޖެހިގެން އައި ދުވަހު މަންމަ ބުނިހެން ކަންތައް ކުރިއެވެ. ފިރިމީހާ ހުރީ ހަމަޖެހިފައެވެ. ޒުވާބެއް ނުކުރެއެވެ. ދެވަނަ ދުވަހުވެސް، ތިންވަނަ ދުވަހުވެސް މިގޮތަށް ކަންތައް ކުރިއެވެ. ފިރިމީހާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. މިކަމަކާ މިކަނބުލޭގެ ވެސް ހުންނަނީ އަންތަރީސްވެފައެވެ. އެންމެފަހުން ފެންފުޅި ހުސްވެއްޖެއެވެ. ދެން މިކަނބުލޭގެ އަވަސް އަރުވާލާފައި މަންމަ ގާތަށް ދިޔައެވެ. ހަމަ ފެނުމާ އެކު މަންމަ އަހައިފިއެވެ. "އަނެއްކާވެސް ފެންފުޅިއެއް ބޭނުންވީހެއްޔެވެ؟"
އަނބިކަނބުލޭގެ ބުންޏެވެ. "އާނއެކެވެ. މަންމާއެވެ. ތިޔައީ ވަރަށް ކާމިޔާބު ފަންޑިތައެކެވެ. އެކަމަކު ބުނެބަލާށެވެ. މަންމަ އެފެނަށް ކިޔެވީ ކޯއްޗެއް ހެއްޔެވެ؟ އެޔަށް އެޅީ ކޯންޗެއް ހެއްޔެވެ؟"
މަންމަ ބުންޏެވެ. "އަހަރެން އެއްވެސް އެއްޗެއް ނާޅަމެވެ. ނުވެސް ކިޔަވަމެވެ. ތިބާ ކުރަންވީހާ ވެސް ކަމަކީ، ފިރިމީހާ ގެޔަށް އައިސް ހަމަޖެހިލަންދެން އަނގަ މަޑުން ލައިގެން ޝަކުވާ ނުކޮށް ހުންނަންވީއެވެ."




advertisment