ރޭ ފެނުނު މަންޒަރެކެވެ. ތަރާވީހުގައި ހަތަރު ރަކުއަތް ކުރުމަށްފަހު ކައިރީގައި ތިބި ދެ ޒުވާނަކުން ވާހަކަ ދައްކަން ފެށިއެވެ. އެކަކު ބޭނުންވީ ތަރާވީސް ނަމާދު އެ ހިސާބުން ކުރުކޮށްލާފައި މިސްކިތުން ފައިބާށެވެ. ފައި ދައްކާފައި ފަޔަށް ތަދުވާ ވާހަކައާއި ބުރަކަށީގައި ރިއްސާ ވާހަކަ އޭނާ ބުންޏެވެ. އެ ވަގުތު އަނެއް ޒުވާނާ ދެއްކީ ކުރިމަތީ ސަފުގައި ހުރި އުމުރުން ދުވަސްވީ މީހެކެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ދެން ފެނުނީ އެ ދެ ޒުވާނުން ތަރާވީސް ކުރަން ފެށިތަނެވެ. އިމާމާއެކު ތަރާވީސް އެ މީހުން ނިންމާލިއެވެ. އޭރު ގަޑިން 9:25 އެވެ. އެ ދުވަސްވީ މީހަކީ އެ ކުދިން ދަންނަ މީހެއް ނޫންކަން އަޅުގަނޑަށް އެނގުނެވެ.
ހުދު ޓީޝާޓަކާއި ހުދު މުންޑެކެވެ. ބޮލުގައި ހުދު ރުމާލެކެވެ. ދުވަސްވުމުގެ ސަބަބުން ކަނާތް ފަރާތަށް ކުޑަކޮށް ވަނީ ލެނބިފައެވެ. ޢުމުރުން 80 އަށްވުރެ މަތިވެދާނެއެވެ.
ތެދެކެވެ. އެ ޢުމުރުގައި އެ ބޭބެ އެ ހިތްވަރު ކުރާއިރު އަޅުގަނޑުމެން ޒުވާނުންނަށް އެ ހިތްވަރު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންނަށް ވެސް ވާނެއެވެ.
އެ ޒުވާނާ އަނެއް ޒުވާނާއަށް އެ ބޭބެ ދެއްކުމުން އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ.
* މައުލޫމާތު: ޢަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން



advertisment