ބަރަކަތުގެ ފުރުސަތު ފަހިވެލީ ރަޙުމަތުގެ ދޮރުތައް މޮއްސަވާން
ކަރަމުން ވިލޭރޭތައް ހިލޭ ދަރުމައިގެ ތަށިތައް ބައްސަވާން
ކެހިވެރި މަޅީގައި ޖެއްސުމުން ޚަންނާސު ކުޅިވަރު ދެއްކުމުން
ދެހިތެއްގެ ދެމެދުން ރޯކުރާ ހަސަދައިގެ ހުޅުގަނޑު ނިއްވަވާން
ދުލުގައި އެވާ ތާސީރަކުން ވެރިވީ ޚަރީފެއް ބިންތަކުން
ފިލުވާލަދޭނޭ ވެހުމަކުން މޫސުންބަހާރެއް ދެއްވަވާން
ލޯތައް ބަރާކުރި ނަފުރަތުން ލަދުވެތިދާ ގިނަ ކުލަތަކުން
ތޯހިރުވެދާ އަޛްކާރަކުން ލޯތައް ތަޣައްޔަރު ދޮއްވަވާން
ހައިކަމުގެ ވޭނާ ކެކުޅުމާ އުފުލާ ބަޔަކު ވެސް ވާކަމާ
ގައިރޯދި ބަރަކާތުން އޮހޭ ނިޢުމަތް ހަނދާންކޮށް ދެއްވަވާން
ނަފުސުގެ އެދުންތަކުގާ ތިމާ އަބުރުގެ ލިބާސްތައް ވީދިހާ
ޢަފުވާއި ފުއްސެވުމުން ފަހާ ތަޤުވާގެ ފޭރާން ލައްވަވާން
މަދު ހޭދައެއް ކޮށްގެން އަދާ އަދަދެއް އެތައް ހާސިލްވެދާ
ޤަދުރުގެ ވިލޭރޭގައި އެވާ ވަގުތުގެ ޢިނާޔާތް ދެއްވަވާން
ރަޙުމަތުގެ ހިޔަލަށް ވައްދަވާ ފުއްސެވުމަކަށްފަހު ދެއްވަވާ
ފަހު އެންމެ އޮތް ފަހު ނިމުމަކަށް ނަރަކައިން ނަޖާކޮށްދެއްވަވާން
