ވިލާރޮއްޖެއް ނެތޭ އުޑުގައި ހިމޭން މެންދަން ވަނީ ފެށިފައި
ކިލާކަން ނެތިދެޔޭ ހިތުގައި މިރޭ ނަލަ ޗާލު ހަނދު ފެނިފައި
ހިނގާލަން ނުކުމެގެން މިދަނީ ބަލާލަން ރަށުގެ ތުނޑިމައްޗަށް
ދިގާ ހުރަހަށް އެވާ މޫދަށް ވަނީ ހަނދުވަރުގެ ދަޅައެޅިފައި
ދިމާ އުތުރުން ޖެހޭ ރޯޅިން ހިތާ ޖިސްމަށް ލިބޭ ކާނާ
ތިމާވެއްޓެއް މިއީ ފުރިހަމަ އިނީ ތެދުވާ ހިތެއް ނެތިފައި
ޕަރީއެއް ފަދަވި ކަމަނާއެއް ޖަރީވެވިގެން އައީ ހެވިފައި
އެރީ ފަލަކުން ހަނދެއްބާއޭ ބެލީ ހައިރާންވެގެން ހުރެފައި
ދުވާ ފޮނި މީރު ހުވަނދު ވަހުން ޒަމީރާ ކުޅެލިޔޭ ވަގުތުން
ހުވާ ކަށަވަރު، މިވަސް މިވަނީ އެކީ މުޅި ޖައްވު ކަޅިކޮށްފައި
ލޮލުގެ ކަޅިރަވަ އެހައި ތޫނޭ ކިޔޭނޭ ޚަންޖަރެއް ކަމުގައި
ކޮލުގެ އަޑިކޮޅު، ހެމުން ދިޔައިރު ވެޔޭ ފުރިހަމަ ކަމެއް ދީފައި
މަށަށް އިވުނޭ އަޑެއް ބާރަށް ފަތިސްވީ ކަމުގެ ސޯނާއޭ
ދަށަށް އިސްޖެހި އެނދުން ތެދުވީ ބިލާހެއްކަން ޔަޤީން ވެވިފައި
