މިއަދު" މާދަރީ ބަހުގެ" މިދުވަސް ދުނިޔެ ފާހަގަކުރާ ކުރުމުން
މިއަދު ދިވެހިން އުފާކުރަނީ އަމިއްލަ ބަހެއް މޮށެން އޮތުމުން
***
މިއަދު މިޝަރަފު އަތުން ބީވިޔަނުދީ ދެމެހެއްޓެވެން މިއޮތީ
މިގައުމުގެ ޖީލަކަށްފަހު ޖީލަކަށް ގެންގޮސް ދެވުނު ވަރަކުން
ބަހެއް ދިރި ދެމި އޮތުން މިވަނީބަހެއްގެ އަހުލުވެރީންގެތެރެއިން
ބަހެއް ދިރުވަން ބަހަށް ފުރިހަމަ ސަމާލު ކަމެއް ދެވޭ ވަރަކުން
ބަހުން "މޮށެއުޅުމުގައި" އެބަހެއްގެ އަހުލުވެރީންގެ ފެންވަރުގައި
ބަހުގެ ހަމަޔާ ގަވާއިދުތައް ކިޔައި އިސްކަން ދެވޭ ވަރަކުން
ބަހުން ލިޔެ ކިޔުމުގައިވެސް އޮންނަ ހަމަޔާ އަދި އުސޫލު ތަކުން
ބަހުން ހޯދައި ބަލައި އެކަމަށް ސަމާލު ކަމެއް ދެވޭ ވަރަކުން
ބަހުގެ އުސްތާޒުނާއި އަދީބުނާ އެބަހެއް ގެނައި ގޮތަކަށް
ފަހުގެ ޖީލުން އެބަސް ދެމެހެއްޓުމަށް އިސްކަންދެވޭ ވަރަކުން
ލިޔާ ލިޔުމާ ކިޔާ ކިޔުމާ އިވޭ އަޑުގައި ތަފާތު ވިޔަސް
ޚިލާފެއް ބަހުގެ އަސްލަށް އަޔަ ނުދީ ވޭތޯ ބެލޭ ވަރަކުން
އަމިއްލަބަހެއް އޮތަސް އެބަހެއްގެ ކުރިމަގު، ކުރިއަރައި ދާނީ
އަމިއްލަ ބަހަށްވުރެން އިސްކަން އެހެން ބަހަކަށް ނުދޭ ވަރަކުން
އަމިއްލަބަހެއް އޮތަސްލިބިފައި އެބަސް ދިރިދެމި އޮތުން ވާނީ
އަމިއްލަ ދެލޯ ފަދައިން އެބަހަށް ދެވޭ ލޯތްބެއްގެ މިންވަރަކުން
ހިތަށްއުފަލެއް ލިބޭނީވެސް މިބަސް ކުރިޔަށް ހިނގާނީވެސް
ނިކަން ޖޯޝާއި ފޯރީގައި ކަށިން ހިތްވަރު ނެރުނު ވަރަކުން
މި މާތް ދީނާއި ޤައުމިއްޔަތު މި މާތް ވަޠަނާއި ޙުއްރިއްޔަތު،
ޙިމާޔަތް ކޮށް، ދެވޭނީވެސް ބަހަށް އިސްކަން ދެވޭ ވަރަކުން
