މަސްތުގައިޖެހި ފުން ލޮލުގެ ބިޔަ ރާޅުބާނީތަކުތެރޭ
ގަސްތުނެތި ވެއްޖޭ ޣަރަގު ނޭވާ ހިނގާ ހިނދުކޮޅުތެރޭ
ޖިސްމުގައިވާ ބާރަކުން ތިޔަ ހިތް މަގޭ މިލްކޭކުރީ
ވިސްނުމަށް ހަނި ފުރުސަތެއް ނުމެދީ ނަގައި އޮތް މޭތެރޭ
ހީލުމުން ފޮޅިފަރިވަނީ ގުލްޒާރެކޭ ފިނިފެންމަލުގެ
ނީލަމެއްފަދަ ތުންފަތުން އައި މިއުޒިކާއެކު ވައިތެރޭ
ހަނދު ލަދުން ރަކިވީ ވިދާ އަލި މޫނު ބަބުޅާލީ ހިނދުން
މެދު އުޑުން ފިޔަޖެހި ނެތޭ ތަރިއެއް ސަފުން ޖައްވުގެތެރޭ
އުނިކަމެއް އައިބެއް ނުވާ ބުރުސޫރަ ޗާލޫ ބައްޓަމާ
ތުނި ހަށީ ލޫޅާކަމޭ ތަމްސީލުވީ ފެނިލުމުތެރޭ
ލޫދި ކެކުޅުން ޙާލަތާ ޙިއްސާކުރާން އެދި ވިންދުގައި
ފޫދި ކެކި ޖަޒުބާތު އިޝްގުން އުތުރެނީ މި ހިތުގެތެރޭ
ރޯޅިއާ ގެންދޭ ވަޔާ! ފިނިފޮނި ވެދުން ހިބައިން މިދޭ
މޯޅިކޮށްނުމެލާ ތަސައްލީދޭން ހިތަށް ރިހުމުގެތެރޭ
