"ބޮޑުދެގެރި ތިބެގެން ތަޅަންޏާ ބާރުކުރަނީ ކަށްގަލަށް"
ކުދި ގެރީން ގޮތް ހުސްވެގެން ގޮސް ދެން އަރާނީ "މޮޔަ ބޮލަށް"
ބޮޑެތި މީހުން ކުޑަ ކުދީންނަށް ދައްކަމުންދާ މަންޒަރެއް،
ކުޑަ ކުދީން އެކަމެއް ކުރާނީ ބޮޑެތި މީހުން ދެއްކި ގޮތަކަށް
މައިބަފައިންވެސް ކަންކުރާގޮތް ކުދިދަރިންނަށް ދެއްކުމުން
މައިބަފައިން ކުރިގޮތް ބަލައި، އެކުދިން ކުރާނީ އެ ގޮތަކަށް
އުނގެނެމުންދާއިރު މުދައްރިސު ދައްކަމުން ގެންދާ ކަމެއް
އުނގެނި ދަސްވީމާ ކުރާނީވެސް މުދައްރިސް ދެއްކި ގޮތަކަށް
ބޮޑެތި މީހުން ހަޑި ހުތުރު ގޮވަމުން އުޅެންޏާ މަގުމަތީ
ކުޑަ ކުދިން ނުބަލާނެ އެކަހަލަ ޢަމަލަކީ ހަޑިހުތުރު ކަމަކަށް،
އެއް އަތަށް "ބޮޑު ސޯބު" އެނބުރެންޏާ އެހެން ކުދި ސޯބުތައް
އެއް ގޮތަށް ބޮޑު ސޯބު ފަހަތުން އެނބުރެނީ ވެސް އެއް އަތަށް
ވައްކަމާ މަކަރާ ކޮރަޕްޝަން ޢާއްމު ކަމަކަށް އޮތް ތަނެއްގައި
ވައްކަމެއް ކޮށްލުން ބަލާނީވެސް ވަރަށް އާދައިގެ ކަމަކަށް
ގައުމަށާ ވަޠަނަށް ތިމާ ލޯބިން ކަމެއް ކޮށްދޭން ވިޔަސް،
"ގައުމަށާ ވަޠަނަށް ޓަކާ ލޯތްބެއް ޖެހޭނީ ޖެއްސި ވަރަކަށް"
