އައު އަހަރަށް ރަނގަޅު ޕްލޭނެއް ކޮށްގެން އަހަރު ފަށައިފިނަމަ ރަނގަޅު ނަތީޖާއެއް ހާސިލުކުރާން ފަސޭހަވާނެއެވެ. ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ލަނޑުދަނޑިތައް ހާސިލު ކުރެވޭނެއެވެ. މިއީ އައު އަހަރުގެ ޕްލޭނުގައި ހިމެނިދާނެ 10 ކަމެކެވެ. އަމިއްލަ ޕްލޭނެއް ހަދާއިރު އެ މީހަކަށް މުހިންމު ކަންތައްތަކަށް ބަލައިގެން ޕްލޭނަށް ބަދަލު ގެނައުމަކީ މައްސަލައެއް ނޫނެވެ.
- ތަރުތީބުން ލިސްޓުކުރާށެވެ.
އެންމެ ފުރަތަމަ ކަމަކީ މި ފެށުނު އަހަރު ކުރަން ބޭނުންވާ ނުވަތަ ހާސިލުކުރަން ޝައުޤުވެރިވާ ކަންތައްތައް ލިސްޓުކޮށް، ތަރުތީބުކުރުމެވެ.
މި ލަނޑުދަނޑިތައް ޖެހޭނީ ރަނގަޅަށް ސާފުކޮށް ފެންނަން އޮންނާނެހެން ގަނޑެއްގައި ލިޔާށެވެ. ފަސް އަހަރަށް ޕްލޭނެއް ހަދައި މި އަހަރު އޭގެ ތެރެއިން ހާސިލުކުރަން ބޭނުންވާ މިންވަރު އަހަރުގެ ޕްލޭނުގައި ހިމެނިދާނެއެވެ.
- ޗުއްޓީ ޕްލޭންކުރާށެވެ.
އަހަރުގެ ތެރޭގައި ޗުއްޓީ ނަގަން ބޭނުންވާ ދުވަސްތައް ފާހަގަކޮށް ޗުއްޓީ ޕްލޭން ހަދާށެވެ. ޕްލޭން ހެދުމުގައި އޮފީހުގެ މަސައްކަތްތަކާއި ޗުއްޓީގައި ދާން ގަސްތުކުރާ ތަނާއި ނުވަތަ ކުރާން ކަނޑައަޅާ މަސައްކަތްތައް ނިންމައި ދާނެ ޚަރަދާއި އެ ފައިސާ ހޯދާނެގޮތް ވެސް ޕްލޭންކުރާށެވެ.
- އައު ޢިލްމެއް ހޯދާށެވެ.
ނަފްސު ތަރައްޤީކުރުމަށް ކުރަން ހުރި ކަންތައްތައް ދެނެގަނެ އައު ޢިލްމެއް ހޯދަން ޕްލޭނުގައި ހިމަނާށެވެ. މިގޮތުން އެ މީހެއްގެ މަސައްކަތުގެ މާހައުލާ ގުޅުން ހުރި ޢިލްމެއް ވެސް ތަރައްޤީ ކުރެވިދާނެވެ. މިސާލަކަށް ސިފައިންގެ މީހަކު ނަމަ އައު އިންސްޓްރަކްޓަރ ކޯހެއް ފުރިހަމަކުރަން ޕްލޭން ކުރެވިދާނެއެވެ. ނުވަތަ ކިޔާނެ ފޮތްތަކެއް ކަނޑައަޅައި އެ ފޮތްތައް ކިޔާނެގޮތް ޕްލޭނުގައި ހިމެނިދާނެއެވެ.
- ހަށިހެޔޮ މީހަކަށް ވެވިދާނެއެވެ.
އައު އަހަރު ފެށުނުއިރު ހުރި ބަރުދަން ބަލާލައި އަހަރު ތެރޭގައި ހަށިގަނޑު ލުއިކޮށްލައި ފިޓު މީހަކަށްވާން ޕްލޭން ކުރެވިދާނެއެވެ. މާ ބޮޑަށް ބަރުދަން އިތުރުނަމަ އަހަރު ތެރޭގައި 10 ކިލޯ ލުއިކޮށްލުމަށް ޕްލޭނެއް ހެދިދާނެއެވެ. ބޮޑީ މާސް އިންޑެކްސް ދިމާނުވާ ނުވަތަ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުން ފާސްނުވާ މީހަކު ނަމަ ފާސްވާ ހިސާބަށް ދިއުމަށް ޕްލޭނެއް ހެދިދާނެއެވެ. ޞިއްޙީ މައްސަލައަކާ ގުޅިގެން ދުވުމަށާއި ކުޅިވަރު ކުޅުމަށާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތިވާނަމަ އެ ކަމަކަށް ލަފާ ހޯދައި އެކަމަކުން އަރައިގަތުމަށް ޕްލޭންކުރެވިދާނެއެވެ. އެއް ގޮތަކަށް ވެސް ހަށިހެޔޮކަމުގެ އިމްތިހާނުގައި ބައިވެރިނުވާ މީހެއް ނަމަށް ލޯމެޑިކަލް ކެޓަގަރީގައި ފާސްވުމަށް ޢަޒުމު ކަނޑައެޅިދާނެއެވެ. ލޯމެޑިކަލްގައި ހުރި މީހެއް ނަމަ ބޭސިކް ފިޓްނަސް ޓެސްޓުން ފާސްވުމަށް އަމާޒު ހިފިދާނެއެވެ. ފާސްވަމުންދާ މީހަކުނަމަ 300 މާކްސް ހޯދުމަކީ ގޯލެއް ކަމަށް ކަނޑައެޅިދާނެއެވެ.
- ޞިއްޙީ ރަނގަޅު އާދަތަކަށް އަހުލުވެރި ވެވިދާނެއެވެ.
މަސްތުވާ ތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުރަނގަޅު އާދަތައް ހުއްޓާލުމަށް ޕްލޭން ކުރެވިދާނެއެވެ. ދުންފަތާއި ހުންޏާ ލައިގެން ދުފާ މީހުންނަށް މިކަމުން ދުރުވެވިދާނެއެވެ. ހަކުރާއި ލޮނާ ބޭނުންކުރާ މިންވަރު މަދުކުރެވިދާނެއެވެ. އެނާޖީ ބުއިންތަކާއި ފިޒީ ބުއިންތަކުން ދުރުވުމަށް ޕްލޭން ކުރެވިދާނެއެވެ.
- މަސައްކަތުގެ މާހައުލަށް ބަދަލެއް ގެންނާށެވެ.
މަސައްކަތުގެ މާހައުލަށް ގެންނަ ކުޑަކުޑަ ބަދަލަކުން މަސައްކަތުގެ ކޮލިޓީއާއި މަސައްކަތުގެ ހަލުވިމިނާއި ނެރެވޭ ނަތީޖާއަށް ބަދަލު އާދެއެވެ. އަމިއްލަ ލެޕްޓޮޕެއް ހޯދުމަށް ޕްލޭންކުރެވިދާނެއެވެ. ކުރިން ކުރަން ފަރިތަ ނޫން ކަމެއް ފަރިތަކޮށްލެވިދާނެއެވެ. މިސާލަކަށް ޓައިޕްކުރުމާއި ރިޕޯޓް ޢިބާރާތްކޮށް ލިޔުން ފަދަ ކަންތައްތަކެވެ. ނެޓްވޯކް މެދުވެރިކޮށް ނޫނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ސިޓީއާއި ނޯޓު ފޮނުވައި ލިޔެކިޔުން ޖަނަރޭޓްކުރެވިދާނެއެވެ.
- ދީނީ ކަންތައްތަކަށް ފަރުވާތެރިވާށެވެ.
ފަރުޟު ނަމާދުތައް ބަރާބަރަށް ކުރުމަށާއި ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް ވަރަކަށް ޤުރުއާން ކިޔެވުމަށް ޢަޒުމު ކަނޑައެޅިދާނެއެވެ. އަދި މިއަހަރު ޤުރުއާން ތަރުޖަމާ އެއްކޮޅުން އަނެއްކޮޅަށް ކިޔުމަށާއި ކޮންމެ ހުކުރު ދުވަހަކު ކަހަފު ސޫރަތް ކިޔެވުމަށް ނިންމިދާނެއެވެ. ކޮންމެ މަހަކު ވެސް ޞަދަޤާތް ކުރާނެ މިންވަރަކާއި ކޮންމެ ވެސް މިންވަރެއް ކަނޑައަޅައި ސުންނަތް ރޯދަ ހިފަން ޕްލޭން ކުރެވިދާނެއެވެ.
- ފައިދާ ހުރި އައު ހުނަރެއް ނުވަތަ މަސައްކަތެއް ދަސްކުރާށެވެ.
ދިރިއުޅުމަށް އެންމެ މުހިންމު ކަމަކީ ސައިކަލް ދުއްވަން ދަސްކުރުން ކަމަށް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ސައިކަލް ދުއްވަން ދަސްކޮށް ލައިސަންސް ނެގުން ޕްލޭނުގައި ހިމެނިދާނެއެވެ. ޑައިވިން ކުރުމާއި ވެލްޑް ކުރުމާއި ވައިރުކުރުމާއި ފެންވައިރުކުރުމާއި މުށިޖެހުން ފަދަ ހުނަރުވެރި މަސައްކަތްތަކީ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ބޭނުންކުރަން ޖެހިދާނެ ހުނަރުތަކެކެވެ.
- ފައިސާ ޕްލޭންކުރާށެވެ.
ލިބޭ އާމުދަނީން ކުރަން ހުންނަ ކަންތައްތައް ވަރަށް ގިނަވާނެއެވެ. ގޭގެ ބޮޑެތި މަސައްކަތްތައް ކުރެވޭނީ ޕްލޭންކޮށްގެންނެވެ. އުމުރާއަށް ދިއުމާއި ހައްޖަށް ދިއުން ފަދަ ބޮޑެތި ޚަރަދުތައް ހިނގާ ކަންކަމަށް މި އަހަރުގެ ތެރޭގައި ޖަމާކޮށް ރައްކާކުރަން ބޭނުންވާ މިންވަރު ކަނޑައަޅައި އެގޮތަށް ޕްލޭން ރާވާލެވިދާނެއެވެ.
- ގުޅުންތައް ހަރުދަނާކުރާށެވެ.
ދިރިއުޅުމުގައި ޖެހޭ މައްސަލަތަކާއި ޢާއިލީ ގުޅުންތަކާމެދު ފުންކޮށް ވިސްނައި ރަނގަޅު ކުރަންވީ ކަންކަން އަމިއްލަ އިސްނެގުމާއެކު ކުރަންވީ ގޮތް ޕްލޭނަށް ލާށެވެ. މައިންބަފައިންނަށް ޒިޔާރަތްކުރުމާއި އެ މީހުންގެ ހާލު ބެލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަންކަން ވަކި ތަރުތީބަކުން ކުރާށެވެ. އެކުވެރިންނާ އޮންނަ ގުޅުމާއި އޮފީސް މާހައުލުގައި އޮންނަ އެކުވެރިކަމާއި ބަދަހިކަން ދެމެހެއްޓުމަށް ކުރަންވީ ކަންތައްތައް ޕްލޭނުގައި ހިމަނާލާށެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން



advertisment