Support Us

މުޅި ގައުމު އޮޅުންބޮޅުންވެފައި

ނިހާއީ ޙާލަތެއް ޖެހިފައި މިއަދު މިވަނީ ދިވެހި ޤައުމަށް
އިދާރީ އޮޅުމަކުން އޮޅެމުން ދަނީ ގައުމާ ވަޠަން އަޑިޔަށް

މިމާތްދީނަށް ހަޖޫޖަހަމުން ބަޔާންތައް ނެރުނު ޖަމްޢިއްޔާ،
އިދާރީ އޮޅުމަކުން ފުރުވާ ލެވިއްޖޭ ރާއްޖެއިން ބޭރަށް

މިތާ މުރުތައްދު ވާފަދަ ކުފުރު ވާހަކަ ދެއްކި މީހާވެސް،
އިދާރީ އޮޅުމަކުން ފޮނުވާލަނީ ބޭނުން ގޮތަށް އުޅުމަށް

މިތާ ގިނަ އަންހެނުން އަބުރާއި ޢިއްފަތް ފޭރިގަތް މީހާ
އިދާރީ އޮޅުމަކުން ޕާސްޕޯޓު ދީފައި ފޮނުވުނީ ބޭރަށް

މިތާ ތިބި ރައްޔިތުން "ނޭވާހޮޅިން" ކުރި ބޮޑެތި ވައްކަންތައް
އިދާރީ އޮޅުމަކުން މައްސަލަ، ލަނީ ރައްކާކުރަން ފައިލަށް

މިތާ ގޮތް ނޭނގި ފައި ހުރި މަރުތަކާ، އަދި ބޮޑެތި ވައްކަންތައް،
އިދާރީ އޮޅުމަކުން މުށްގަނޑުތެރަށް ވެދެގެން ދަނީ އަޑިޔަށް

މިތާހުރި ގިނަ އެއާޕޯޓާ، ކަނޑާއި، ބިމާ، ގުޅީފަޅުވެސް
އިދާރީ އޮޅުމަކުން އޮޅިގެން ދެވޭގޮތްވީ "އުތުރު ކަރަޔަށް"

މިތާ ދީނާ ޚިލާފު އެތައް ކަމެއް ނުކުރަން ގޮވާއިރު ވެސް،
އިދާރީ އޮޅުމަކުން ގިނަ ޢާލިމުން އަޑުވެސް އެރީ "ހަވަޔަށް"

މިތާ ބަޖެޓަށް ސްކޫލު އަޅަން އިތުރުކޮށްލަން ޖެހޭ ފައިސާ،
އިދާރީ އޮޅުމަކުން ހިމެނޭ ގޮތެއް ނުވެފައި ވަނީ ބަޖެޓަށް

***

މިތާ ނިމިގެން އެދިޔަ ސަރުކާރު ނިމި ދިޔަގޮތް ބަލާއިރުވެސް،
އިދާރީ އޮޅުމަކުން ހެދި ގޯސް ތިރީގައި ލިޔެލަމޭ ފަހަތަށް

މިތާ މަސްވެރިކަމާއި މަޖާކުރަން ހުރި ރީތި ނަލަ ފަޅުތައް،
އިދާރީ އޮޅުމަކުން އެހުރީ ރެސޯޓު ތަކަށް ހަދާފަ މޮޅަށް

މިތާ ހުޅުލޭ އެއަރޕޯޓާއި ޓާމިނަލާއި އޮތް ސައިޒުން
އިދާރީ އޮޅުމަކުން ބޮޑުބިޔަ ތަނެއްކަމުގައި ހަދައިފި މޮޅަށް

ފިސާރި މޮޅަށް "ކޮތަރު ކޮއްޓެއް" ނަގައިގެން ފަންސަވީސް ބުރިއަށް،
އިދާރީ އޮޅުމަކުން އެޅުނީ އެހެރަ ބޮޑު ހަސްފަތާލު މޮޅަށް

މިތާ މަސްވެރިކަމަށް، ގާދޫ ކޮލުން އެޅި އެންމެ ބޮޑު ކަނދުފަތި،
އިދާރީ އޮޅުމަކުން ބޮޑު ބުރިޖަކަށް ވީތަން ފެނިއްޖެ ލޮލަށް

އެތާ މީހުން އުޅެންވެސް ލ. ގަމުގައި އޮތް ވަރަށް ދިގު މަގު،
އިދާރީ އޮޅުމަކުން އޮޅިގެން އެކީގައި ތާރު އެޅުނު މަގަށް

މިތާ އޮތް ރީރި ބޮޑު ޕާކެއް މަޖާކޮށްލައި ހަދަން އޮއްވާ
އިދާރީ އޮޅުމަކުން ބޮޑު މިސްކިތެއް އެޅުނީ ވަރަށް ނަލަކޮށް

މިތާނގައި ބޯހިޔާވަހިކަން ނުލިބި ގިނަ ރައްޔިތުން ތިއްބާ،
އިދާރީ އޮޅުމަކުން ހަތްހާސް ފުލެޓު އެޅިކަން ވަނީ، ގޯހަށް

މިތާ މިއަދާއި، މާޒީއާ ކޮޅުން ލާކަށް ނެތޭ ކިޔަމުން،
އިދާރީ އޮޅުމަކުން ގައުމާ ވަޠަން ޖެހެނީ "ކަފުން ކުރުމަށް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *