ބައި ގަރުނަށް ވުރެ ގިނަ ދުވަހު ފެންނުވަރާ އުޅުނު "ދުނިޔޭގެ އެންމެ މުޑުދާރު މީހާ"ގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 94 އަހަރުގެ އަމޫ ހާޖީ މި މަހުގެ 23 ވަނަ ދުވަހު މަރުވި ނަމަވެސް އޭނާގެ ވާހަކަ އަދިވެސް މުޑުދާރެއް ނުވެއެވެ.

އީރާނުގެ ދެކުނު ޕްރޮވިންސްގެ ޑެޖްގާ އަވަށުގައި އުޅުނު އަމޫ ހާޖީ 60 އަހަރު ވާންދެން ފެންނުވަރާ އުޅުނު އެއް ސަބަބަކީ ފެންވަރައި ގައިން ތާހިރުވެއްޖެ ނަމަ މަރުވެދާނެ ކަމުގެ ބިރަށެވެ. އަނެއް ސަބަބަކީ ޒުވާން ދުވަސްވަރު ކުރިމަތިވި ބައެއް "ޖަޒުބާތީ ނާކާމިޔާބީތައް" ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ޑެޖްގަހު އަވަށުގެ މީހުން ވަނީ އޭނާ ފެންވެރުމަށް ފުރަތަމަ ފަހަރަށް މަޖުބޫރުކޮށްފައެވެ.


މީސްމީޑިއާ ޕްލެޓްފޯމްތައް ހާޖީގެ ތަސްވީރުތަކުން ފުރިފައިވާއިރު ގިނަ މީހުން އަދިވެސް ތިބީ އޭނާގެ ފެންނުވެރުމުގެ ރެކޯޑަކީ ހަގީގީ ރެކޯޑެއްތޯ ސުވާލުކޮށްކޮށެވެ.


ތެހެރާން ޓައިމްސްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ހާޖީ އަކީ މަގުމަތީގައި މަރުވެފައި ހުންނަ އެކި ކަހަލަ ޖަނަވާރުގެ މުޅަމަސް ކައި ޖަނަވާރުތަކުގެ ނަޖިސް ހޮޅިއަކުން ހަދައިފައިވާ ޕައިޕެއް ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލުކުރި މީހެކެވެ. މީސްމީޑިއާގައި ހުރި ބައެއް ފޮޓޯތަކުން އޭނާ އެއްފަހަރާ ފަސް ސިނގިރޭޓު ބޯތަން ވެސް ފެނެއެވެ.


ހާޖީގެ މި ތަފާތު ރެކޯޑުގެ ސަބަބުން، އޭނާގެ ދިރިއުޅުން ބަޔާންކޮށް، 2013 ވަނަ އަހަރު "ދަ ސްޓްރޭންޖް ލައިފް އޮފް އަމޫ ހާޖީ"ގެ ނަމުގައި ކުރު ޑޮކިއުމެންޓްރީއެއް ވެސް ވަނީ ހަދައިފައެވެ.




advertisment