Support Us

ޢަދުލު އިންސާފު… މާތް ރަސޫލާގެ ޝަރީޢަތް- 3

ކީރިތި ރަސޫލާ ﷺ މީހެއްގެ މުދަލެއްގައި ޖެހިވަޑައިގެންފައެއް ނުވެއެވެ. މީހެއްގެ މުދާ ހިއްޕަވައިފައެއް ނުވެއެވެ. މީހެއްގެ ގައިގައި ޖައްސަވައިފައެއް ނުވެއެވެ. އެކަލޭގެފާނު މިފަދައިން ވިދާޅުވީ ޢަދްލުވެރިކަމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ. އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ ((مَنْ كَانَتْ لِأخِيهِ عِندَه مَظلَمةٌ مِن عِرْضٍ أَوْ مَالٍ فَلْيَتَحَلَّلْه اليَوْمَ قَبْلَ أَنْ يُؤخَذَ مِنْه يَوْمَ لَا دِينَارَ وَلَا دِرْهَمَ، فَإنْ كَانَ لَهُ عَمَلٌ صَالحٌ أُخِذ مِنْه بِقَدرِ مَظلَمتِه، وإن لم يكُنْ له عَمَلٌ أُخِذ من سيِّئاتِ صاحبِه فجُعِلَت عليه [1]– އޭނާގެ އަޚާގެ އަބުރަށް ނުވަތަ މުދަލަށް އަނިޔާވެރިކަމެއް ފޯރުވައިފައިވާ މީހާ މިއަދު އެކަމުން ޙަލާލުވެގަންނަ ހުށިކަމެވެ. އެދުވަހުގައި އޭނާގެ އަތުގައި ދީނާރެއް ދިރްހަމެއް ނޯންނާނެ ދުވަސް އައުމުގެ ކުރީންނެވެ. ފަހެ އޭނާ ކޮށްފައިވާ ޞާލިޙު ޢަމަލެއް އޮތްނަމަ އޭނާގެ އަނިޔާވެރިކަމާ އެއްވަރު މިންވަރެއް އެ ޢަމަލުން ނެގޭނެތެވެ. އޭނާ ކޮށްފައިވާ ޞާލިޙު ޢަމަލެއް ނެތްނަމަ އޭނާގެ ނުބައި ޢަމަލުތަކުން އޭގެ ބަދަލު ނަގައި އޭނާއަށް އެ މިންވަރު އުފުއްލަން ޖެހޭނެތެވެ.))

ކީރިތި ރަސޫލާ ﷺ ޢަދްލުއިންސާފަށް ލޯބިކުރައްވާ މިންވަރު ނިކަން ދެކެބަލާށެވެ! އެކަލޭގެފާނު އަނިޔާވެރިކަމާ ދެކޮޅުހެދުމަށް ގޮވައިލައްވާ ޙަދީސް ކުރެއްވިއެވެ. ((انصُرْ أخاكَ ظالمًا أو مظلومًا. قيل: يا رسولَ اللهِ، نَنصُرُه مظلومًا، فكيفَ أَنصُرُه ظالمًا؟ قال: ترُدُّه عن الظُّلْمِ-– ތިބާގެ އަޚާ އަނިޔާވެރިވާ ޙާލުގައްޔާއި އަނިޔާ ލިބިފައިވާ ޙާލުގައި ތިބާ އޭނާއަށް ވާގިވެރިވާށެވެ! ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެން އޭނާއަށް އަނިޔާ ލިބިފައިވާ ޙާލުގައި ވާގިވެރިވެ ނަޞްރުދެމުއެވެ. ފަހެ އޭނާ އަނިޔާވެރިއަކަށްވާ ހިނދު އޭނާއަށް ނަޞްރުދޭނީ ކިހިނެއްތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އޭނާ އަނިޔާވެރިވުމާ ދުރުކުރާށެވެ!))

ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅުން އަނިޔާވެރިކަމުގެ ނުބައިކަން ސާފުވެގެން ހިނގައްޖެއެވެ. އެކަލޭގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި އަނިޔާވެރިޔާ ވެސް އެ އަނިޔާގެ ސަބަބުން ޝިކާރަވެގެން ހިނގައިދާނެއެވެ. އޭނާ އެހެން މީހުންނަށް އަނިޔާވެރިވާއިރު އޭނާގެ އަމިއްލަ ނަފްސަށް ވެސް އަނިޔާވެރި ވެދާނެތީއެވެ.

އެހެންކަމުން އޭނާއަކީ ޒާލިމެއްގެ ސިފައިފައި ހުރި މަޒްލޫމެކެވެ. އެއީ ޖައްބާރެއްގެ ލިބާހުން ނިވާވެގެން ހުރި އަބާއްޖަވެރިއެކެވެ. އެހެންކަމުން އޭނާއާ ދެކޮޅުހަދައި އޭނާ ހަމަ މަގަށް ގެނައުމަކީ އޭނާއަށް ދެވޭ ނަޞްރެކެވެ.

އަނިޔާވެރިކަމުގެ ނުރައްކާ ތަފާތު

އަނިޔާވެރިކަމުގެ މަޞްދަރުތައް ތަފާތުވުމުން އަނިޔާވެރިކަން ތަފާތުވާނެއެވެ.

އަނިޔާވެރިކަމުގައި ހިމެނޭ އެންމެ ނުރައްކާތެރިކަން ބޮޑު އަނިޔާއަކީ ޢަދްލުއިންސާފުގެ މަގާ އެއްކިބާވެފައިވާ ޙާކިމާގެ އަނިޔާވެރިކަމެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އުންމަތަށް ގޮވައިލައްވަނީ އަނިޔާވެރިކަމާ ދެކޮޅު ހެދުމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް މުޤާވަމާ ކުރުމަށެވެ. ޙާކިމާއަށް ވައިނޭޅުވުމަށް ކީރިތި ރަސޫލާ ﷺ އިރްޝާދު ދެއްވިއެވެ. އެންމެ މާތް ޖިހާދާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ އަށް ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. އެއީ ((أفضلَ الجِهادِ كلمةُ حقٍّ عندَ سلطانٍ جائرٍ[2] – އެންމެ މާތް ޖިހާދަކީ އަނިޔާވެރި ވެރިޔާގެ ގާތުގައި ބުނެވޭ ޙައްޤު ބަހެވެ.))

މިފަދަ ވެރީންނާ މުޤާވަމާ ކުރުމަށް ލިބިފައިވާ އެންމެ ކާމިޔާބު ވަސީލަތަކީ އެމީހުން ބޮއިކަޓު ކުރުން ކަމަށް ކީރިތި ރަސޫލާ ﷺ ޙަދީސް ކުރައްވައިފައި ވެއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((سَيَكُونُ بَعْدِي أُمَرَاءٌ يَظْلِمُونَ وَيَكْذِبُونَ فمَنْ صَدَّقَهُمْ بِكَذْبِهم وَمَالَأَهُمْ عَلَى ظُلْمِهِمْ فَلَيْسَ مِنِّي وَلَا أَنَا مِنْهُمْ وَمَنْ لَمْ يُصَدِّقْهُمْ بِكَذْبِهِمْ وَلَمْ يُمَالِئْهُمْ عَلَى ظُلْمِهِمْ فَهُوَ مِنِّي وَأَنَا مِنْهُ[3]– ތިމަންކަލޭގެފާނަށްފަހު އަނިޔާވެރި ދޮގުހަދާ ވެރީންތަކެއް އަންނާނެތެވެ. އެމީހުން ހަދާ ދޮގު ތެދުކޮށް އެމީހުންގެ އަނިޔާވެރިކަމަށް ލެނބޭ މީހުންނަކީ ފަހެ ތިމަންކަލޭގެފާނުގެ ބައެއް ނޫނެވެ. އަދި ތިމަންކަލޭގެފާނަކީ އެމީހުންގެ ތެރޭގައި ހިމެނޭ މީހެއް ވެސް ނުމެނޫންމެއެވެ. އަދި އެމީހުން ހަދާ ދޮގު ތެދުނުކޮށް އެމީހުންގެ އަނިޔާވެރިކަމަށް ނުލެނބޭ މީހުންނަކީ ތިމަންކަލޭގެފާނުގެ ބަޔަކީމުއެވެ. އަދި ތިމަންކަލޭގެފާނަކީ އެމީހުންގެ މީހަކީމުއެވެ.))

ކީރިތި ރަސޫލާ ﷺ އިތުރަށް ސާފުކޮށް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. ((يكونُ أُمَراءُ تَغْشاهم غَواشٍ -أو حَواشٍ- منَ النّاسِ يَظلِمونَ ويَكذِبونَ، فمَن دخَل عليهم فصدَّقهم بكذِبِهم، وأَعانهم على ظُلمِهم، فليس منِّي ولستُ منه، ومَن لم يَدخُلْ عليهم، ويُصدِّقْهم بكذِبِهم، ويُعِنْهم على ظُلمِهم، فهو منِّي وأنا منه[4]– އެބައިމީހުން ވަށައިލާނެ އަރިހުބޭކަލުންތަކެއް ލިބިގެންވާ އަމީރުންތަކެއް ވާނެތެވެ. އެ މީހުން އަނިޔާވެރިވެ ދޮގުހަދާނެތެވެ. އެމީހުންގެ ގާތަށް ގޮސް އެމީހުންގެ ދޮގުތައް ތެދުކޮށް އެމީހުންގެ އަނިޔާވެރިކަމަށް ވާގިވެރިވާ މީހުންނަކީ ފަހެ ތިމަންކަލޭގެފާނުގެ ބައެއްނޫނެވެ. އަދި ތިމަންކަލޭގެފާނަކީ އެމީހުންގެ މީހެއް ނޫނީމުއެވެ. އަދި އެމީހުންގެ ގާތަށް ނުދާ އަދި އެމީހުންގެ ދޮގުތައް ތެދުނުކުރާ އަދި އެމީހުންނަށް ވާގިވެރިނުވާ މީހުންނަކީ ތިމަންކަލޭގެފާނުގެ ބައެކެވެ. އަދި ތިމަންކަލޭގެފާނަކީ އެމީހުންގެ މީހަކީމުއެވެ.))

މި ދެ ޙަދީސުގައި ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އުންމަތަށް ގޮވައިލައްވަނީ އަނިޔާވެރި ޙާކިމާއިންނާއި އެ ޙާކިމުންގެ އަރިހުބޭކަލުންގެ ގާތަށް ނުދިޔުމަށެވެ. އެމީހުން ބޮއިކަޓު ކުރުމަށެވެ.

ނިކަން ބަލާށެވެ! އެކަލޭގެފާނު އެ އަންގަވަނީ އެމީހުންގެ ގާތަށް ނުދިޔުމަށެވެ. އެކަލޭގެފާނު ބޭނުންފުޅު ވަނީ މިބައިމީހުން މުޖްތަމަޢާ އެކަހެރި ކުރާށެވެ. އެމީހުން އަނިޔާވެރިކަމާ ދުރުހެލިކޮށް މީސްތަކުންގެ ގާތަށް ރުޖޫޢަ ކުރުވުމަށް ޓަކައެވެ.

ކީރިތި ރަސޫލާ ﷺ ބަޔާންކޮށް މި ދެއްވަނީ އަރިހުބޭކަލުންނަށް ސަމާލުވުމަށެވެ. އެމީހުން ޙާކިމާގެ އަނިޔާވެރިކަމަށް ވާގިވެރިވުމުގައި މުހިއްމު ދައުރެއް އަދާކުރާތީއެވެ. އެމީހުން ޙާކިމާ ރަނގަޅު ކުރުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާ ފަދައިންނެވެ.

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَا مِنْ وَالٍ إِلَّا وَ لَهُ بِطَانَتَانِ، بِطَانَةٌ تَأْمُرُهُ بِالمَعْرُوفِ، وَ تَنْهَاهُ عَنِ المُنْكَرِ، وَبِطَانَةٌ لَا تَألُوهُ خَبَالًا، فَمَنْ وُقِيَ شَرَّهَا فَقَدْ وُقِيَ [5]– ދެ ބާވަތެއްގެ އަރިހުބޭކަލުން ލިބިގެން ނުވާ ވާލީއަކު (ވެރިއަކު) ނުވެއެވެ. އެއްބަޔަކީ އޭނާއަށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް މަނާކުރާ ބައެކެވެ. އަނެއް ބަޔަކީ އޭނާ ފާސިދު ކުރުމަށް ޓަކައި އެންމެ ހަކަތަކޮޅެއް ވެސް ހުސްކޮށްނުލައި ފޮރުވައިފައިވާ ނުބާއްވާ ބައެކެވެ. އެބައިމީހުންގެ ނުބައިކަމުން ރައްކައުތެރިކަން ލިބުނު މީހާއަށް ހަމަކަށަވަރުން ރައްކައުތެރިކަން ލިބިއްޖެއެވެ.))

އެކަލޭގެފާނު އިތުރަށް ޙަދީސް ކުރެއްވިއެވެ. ((إذَا أرَادَ اللهُ بِالأَمِيرِ خَيْرًا جَعَلَ لَهُ وَزِيرَ صِدْقٍ إِنْ نَسِيَ ذَكَّرَهُ وَإِنْ ذَكَرَ أَعَانَهُ وَإذَا أَرَادَ اللهُ غَيْرَ ذلِكَ جَعَل لَهُ وَزِيرَ سُوْءٍ إِنْ نَسِيَ لَمْ يُذَكِّرْهُ وَإنْ ذَكَرَ لَمْ يُعِنْهُ [6]– ﷲ ޙާކިމާއަށް ހެޔޮ ކަމަކަށް އިރާދަކުރައްވައިފިނަމަ އޭނާއަށް ތެދުވެރި ވަޒީރަކު ދެއްވަތެވެ. އޭނާ ހަނދާންނެތިއްޖެނަމަ އޭނާއަށް ހަނދާންކޮށްދޭނެތެވެ. އޭނާ ހަނދާން ހުރިނަމަ އޭނާއަށް ވާގިވެރިވާނެތެވެ. އަދި ﷲ އެހެން ގޮތަކަށް އިރާދަ ކުރައްވައިފިނަމަ އޭނާއަށް ނުބައި ވަޒީރަކު ދެއްވަތެވެ. އޭނާ ހަނދާންނެތިއްޖެނަމަ އޭނާއަށް ހަނދާންކޮށެއް ނުދޭނެތެވެ. އޭނާ ހަނދާން ހުރިނަމަ އޭނާއަށް ވާގިވެރިއެއް ނުވާނެތެވެ.))

(ނުނިމޭ)

[1]  – أخرجه البخاري (٦٥٣٤)، والترمذي (٢٤١٩)، وأحمد (٩٦١٥) وابن عساكر في «تاريخ دمشق» (٧/١٣٨)

[2]  – أخرجه أحمد (١١١٥٩)، وأبو يعلى (١١٠١)، والحاكم (٨٥٤٣)  و الطبراني (٨/٣٣٨) (٨٠٨١)، والبيهقي في «شعب الإيمان» (٧٥٨١)

[3]  – أخرجه أحمد (١٨٣٥٣)

[4]  – أخرجه أحمد (١١١٩٢) والطيالسي (٢٣٣٧) وأبو يعلى (١٢٨٦)

[5]  – أخرجه البخاري معلقاً بعد حديث (٧١٩٨)، وأخرجه الترمذي (٢٣٦٩)  والنسائي (٤٢٠١) وأحمد (٧٢٣٩)

[6]  – أخرجه أبو داود (٢٩٣٢)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *