ހިތާމަތަކާއި ވޭނުން ރޮއެ ކަރުނަ ދެލޮލުން ހިކޭކަށް ނެތް
ހިތާ ނަފުސަށް އިތުރު އުފަލެއް މިގައުމުން އަދު ލިބޭކަށް ނެތް
މިތަނުގައި ދެން އަލުން މުސްތަގްބަލެއް ފެންނާކަށެއްވެސް ނެތް
މިކަމުގައި ލޯބިވާ ގައުމަށް ކުރާކަށް ޚިދްމަތެއް ވެސް ނެތް
އެމީހަކު އަތުޖެހުނު ތަނަކުން އެމީހަކު އަތުޖެހުނު އެއްޗެއް
ދެމީހަކު އެކުވެގެން ކޮށްފައި ވިޔާދާ އެއްކަމެއްވެސް ނެތް
ރަނގަޅުކޮށްލަން އުޅޭމީހެއް އެހެންއުޅެ "ގޭނިގެން ދިއަޔަސް"
ރަނގަޅު ކަމަކަށް އެހީވާނޭ ބަޔަކު ފެންނާކަށެއްވެސް ނެތް
ކަމެއްގޯސްކޮށްހިނގައިގެންގޮސް ކަމެއްރަނގަށް ބަލާއިރުގައި
ކަމެއްގައި ތިބި ބަޔަކު މައްސަލަ ބެލޭނެ ޢަދާލަތެއްވެސް ނެތް
ނަޒާޙަތްތެރި ރަނގަޅު ވެރިއަކު މިގައުމުގެ ވެރިކަމަށް އަޔަކަސް
އަމާނާތްތެރި ކަމާއެކުގައި އެހީތެރިވާން ބަޔަކު އަދު ނެތް
މިގައުމުގެ ޝާން ޝައުކަތު ގެއްލިގޮސް ދުނިޔޭގެ މަސްރަޙްގައި
މިވަޠަނަށް ލޯބި އޮތަކަސް ދެން މިތާ އުޅެވޭކަށެއް ހަމަ ނެތް
މިއަދު މިއުޅޭ ބަޔަކުބޭނުން ނުކޮށް ވާނޭ ގޮތެއްވެސް ނެތް،
މިއަދު މިއުޅޭ ބަޔަކުލައިގެން ހިނގޭނޭ ކުރިމަގެއްވެސް ނެތް
ޙަލާލު ޙަރާމް ވަކިނުވެގެން ނުބައި ފާޙިޝް ޢަމަލު ކޮށްގެން،
މަޔާއި ދަރީންގެ ކުރިމައްޗަށް ނުކުންނަށް ލަދު ޙަޔާތެއް ނެތް
ނުބައި ގޮތުގައި މަރައި މީހުން ކޮށައި ގުނަވަން އެކީ ވަކިކޮށް،
ނުބައި ޤަތުލުން އޮހޭ، ލޭ ކޯރުތައް ނޫނީ މަގެއްގައި ނެތް
މިޖީލު ވަނީ ނުބައި ޢަމަލާ ފަސާދަތަކުން ހަލާކުވެފައި،
މިޖީލު އެކީ މިތާ ނެތިގޮސް މެ ނޫނީ ރަނގަޅުވާކަށް ނެތް
