މިގައުމެއްގައި ސިޔާސީނުވެ މިއަދު އުޅެވޭ ކަށެއް ދެން ނެތް
މިގައުމުގެ ދިރުމުގައި ޕާޓީ ނިޒާމުގެ ވިންދު ނޫނީ ނެތް
މިގައުމުގެ ކޮންމެ ސާޅީސްހާހަކީ ޕާޓީއަކާ ފިކުރެއް،
މިގައުމުގެ ރައްޔިތެއްވިއްޔާ، މިފިކުރާ ނުގުޅިވާކަށް ނެތް
ބަފައިންނާ މައިން، ސިޔާސީ ކަންކަމާ މަރުދީ ހަދާއިރުގައި
ދަރިންނާ ކާފަ މާމަ ދަރިން ސިޔާސީނުވެ ވޭވޭކަށް ނެތް
ކަމެއް އަންގާލަދޭންތިބި ޝޭޚުނާ އުސްތާޒުނާ ގުޅިގެން،
ކަމެއް ހޯދަން ސިޔާސީ ހައްދުފަހަނައެޅުން މެނޫނީ ނެތް
ލެއިންގުޅިފައިވި ހުރިހާ ޢާއިލާތައްވެސް މިބަލިޖެހިގެން
ލެއިން ވާރުތަކުރާ ބައްޔެއް ކަމަށް ނޫނީ ބެލޭކަށް ނެތް
ނިދާއެނދު ގޮދަޑިއާ ބެޑްޝީޓު ބާލީހަށް މިބަލިޖެހިގެން،
ނިދާލަން އެނދުމަތީގައިވެސް ލިބޭ އުފަލެއް އަރާމެއް ނެތް
މަގެއްގެމަތިން ހުރަސްކުރިޔަސް ގަލެއްގެ މަތިން ގިރާކުރިޔަސް
މަލެއް ގަހަކުން ނިކުމެ ފޮޅުނަސް ސިޔާސީކުލަ ނުޖެހިއެއް ނެތް
ވަޔާއި ކަނޑާއި އެއްގަމުގައި ދަތުރު ފަތުރުގެ އުޅަނދުތަކުގައި
ޖަހާ އެކިކުލަ ނިޝާނުންވެސް ސިޔާސީ ފިކުރުނޫނީ ނެތް
ހަދާ ގެދޮރާއި ފާޚާނާ ޖަހާ މުއްޓާއި ލާ ކުލަވެސް
ބަލާފައި ހިތް އެދޭ ޕާޓީގެ ކުލަޔާ މެޗްނުކޮށް ވާން ނެތް
"އަތާ އަނގަޔާ ދިމާކުރުމަށް" މަގާމާ ޢިއްޒަތާ ހޯދަން،
ލަދާއި ތަދާ ދުރަށްލާފައި ހަލާކުތެރަށް ނުވަދެ ވާން ނެތް
ސިޔާސީ ނުވެ އުޅެންޏާ ގޮސް އެހެން ގައުމެއްގެ ހޮސްޕިޓަލުން،
"ސިޔާސީ ކެންސަރަށް" ބޭހެއް ކުރުން ނޫނީ ގޮތެއް ދެން ނެތް
