ޖުލައިން ސައްބީސް، ހަތާވީހެއް، އަށާވީހެއް ތަފާތެއް ނެތް
ޖުލައި ނިމިގެން އޮގަސްޓު އަޔަސް މިތާ މިނިވަންކަމެއް އަދު ނެތް
މިއަދު ދިވެހިން، ގުނާ ފަންސާސް ހަތެއް މިނިވަންދުވަސް އައި އިރު
މިއަދު އަޅުވެތި ކަމުގެ ހިތި ކަރުނަ ވެސް ދެލޮލުން ހިކޭކަށް ނެތް
މިގައުމުން ނިކުމެގެން މިނިވަންކަމަށް އެޖިހާދު ކުރި ބަޠަލުން،
މިގައުމަށް ހޯދި މިނިވަންކަން އަތުން ބީވުން މެ ނޫނީ ނެތް
ބިރެއްނެތިގެން މަޖާކުރިއަސް، އިމެއް ނެތިގޮސް ހަލާކުވިޔަސް،
ލިބެން މިނިވަންކަމުގެ އަސަރެއް، މިތާނގެ ބިމާ، ކަނޑެއްގައި ނެތް
މިއަދު ލިޔެވޭ ޝިޢާރެއްނަމަ "ލިބުނު މިނިވަންކަމެއް ނިމިގެން"
މިއަދު "އަޅުވެތި ކަމުގެ ފެށުމެއް" ކަމަށް ނޫނީ ލިޔާކަށް ނެތް
މިއަދު މިތަނަކު، ނަހީއާ މުންކަރާތާ މެދު، ބިރެއްވެސް ނެތް
މިއަދު ހެޔޮބަސް ބުނާމީހާ، ޖަލަށް ލުންނޫން ގޮތެއްވެސް ނެތް
އިމާމެއް، ޢާލިމެއް، އަދި ޖާހިލެއް، ހޯދައި ބެލޭކަށް ނެތް
ތިމާގެ ދުލުން ދެފަހަރަކު އެއް ގޮތަށް ބުނެދޭނެ މީހަކު ނެތް
ކުރާ އެއްވެސް ކަމެއް ފަރުދާގެ ނިވަލެއްގައި މެނޫނީ ނެތް
ބުނާ ބަހަކާ، ކުރާ ޢަމަލާ، ދިމާވާ އެއް ކަމެއްވެސް ނެތް
މިއަދު ޤައުމުގެ މިޙާލަތު ލިޔެލުމަށްވެސް ދެލިއަޅާ ގަލަމަށް
މިއަދު ފަރުދުން ލޮލުން މިއޮހޭ ކަރުނަ ނޫނީ އަޅާކަށް ނެތް
އަނދިރި އަނދިރިންގެ މާޒީއެއް އަލުން އަންނަން ނުއެދި ތިއްބަސް،
އަނދިރި ކަޅު ރޭގަނޑެއް ނޫނީ މިތާ މުސްތަޤްބަލެއްގައި ނެތް
