ހާދަހާ ކުރެވުނު އެއީ ހިތި އިންތިޒާރެކެ ހިތުތެރޭ
މާދަމާއެއް ނުލިބުމުން އޮޅުކުރި އެ ލޯތްބަށް އުނގުތެރޭ
ފަހު ވަގުތު ބައްދަލުވެލައި ހެއްކެއް ނުވާ ދައުވާއަކަށް
ވަހުމުގައި އޭނާ ކުރީ ހަރުކަށި ހުކުމު ޝައްކުގެތެރޭ
ވިސްނުމަށް އެރި ލޮޅުމަކުން ހުއްޓުނު އެ ހިނދު ވިންދާ ލެއާ
ޖިސްމުގައި ނެތް ބާރުލައި ހިތްވަރުކުރީން ރިހުމުގެތެރޭ
ހިތުތެރޭ ވާނަމަ، ނިޝާނެއް ބޭރުކޮށް ދޫކޮށްލަމުން
ހިތުގެ ވޭނާ ދިލަ ހަރާރަތު ފިނިކުރީން އޮއިވަރުތެރޭ
ހިތް ނިޔަތްގަނެ ސޫރަޔަށް ނުބަލަން ހުވާކޮށް ޢަޒުމުގައި
ކެތްކުރީން މާޒީގެ އުސްއަލި ނިއްވަމުން ސިކުނޑީތެރޭ
ގެއްލިފައި ވާނަމަ ހަނދާނެއް ހިތުތެރަށް އަލިކޮށް ނަގައި
ހެއްލުމުގެ ހުރިހާ އަސަރު ނެރެ، ތަޅު، މިލީ މިނެޓަކުތެރޭ
ފުރުސަތެއް ދެނަކުން ނުދޭނަން ހިތް އަލުން ހުޅުވާކަށެއް
މަރުވިޔަސް މި ހިތުގެ ދޮރުން ވަންނާކަށެއް ކުރިމަގުތެރޭ
