ރާއްޖެ ދުށްމީ އެންމެ ހިތްދަތި ޢީދުކަން އިޙްސާސްވަނީ
ރާއްޖެދުށް އަދި އެންމެ ބިރުވެރި ދައުރު ކަމުގައިވެސްވަނީ
ޢީދު އައިއިރު ޢިލްމުވެރި ޝޭޚުން ޖަލަށްލައި ބަންދުވީ
ޢީދަކުން ތާރީޚުވެސް އަދި، މިފަދަ ޢީދެއް ނުދެކެނީ
ޢީދުގައި އުފަލުން އުޅެންވީ ދުވަހު އޮތް ޙާލަތު މިއީ
ވީދެމުން މަތިވެރި މި ދީނުގެ ޙައްދުތައް ނެތެމުންދަނީ
މާތްވި އިސްލާމުންގެ ނަމުގައި ތިބެ ކުރާ ފާޙިޝް ޢަމަލް
މާބޮޑަށް "ރޯޔަލްވުމުން" ފިޔަވަޅު އެކަމުގައި ނާޅަނީ
"ތަގަރިޔާ ދޭފަތް އުނދުޅި، ބާޒާރުގައި މާ އަގުއަރާ"
އަނގަ އަތާއި ދިމާނުވެވި ބަނގުރޫޓުވާން ޖެހިފައިވަނީ
އުފަލުގައި އުޅެވޭނެ ޢީދެއް އަދި މި ދައުރަކު ނާދެއޭ،
ނުތަނަވަސް ކަމުގައި އަބަދުތިބެ ރައްޔިތުން ރޮއެ ހޭރެނީ
***
ނުވަސަތޭކަ އަހަރު ވަނިއްޔޭ ރާއްޖެ އިސްލާންވީ ފަހުން
ނުވަދިހައިން، ހިމަނައި ލެވޭހައި ރަސްކަލުން ދެކެފައިވަނީ
އޭގެ ފަހުގައި ދެން އައީ އެކި ނަންނަމުގެ އެކިވެރިކަމޭ
އޭގެ ތެރެއިން ދައުރުވާ ހަތްވަނަ ރިޔާސަތު ހިނގަމުންދަނީ
ވޭތުކުރަމުންދާ މިދައުރުގެ ރަނގަޅުނެތް އެއްވެސްކަމެއް
ވޭނުގައި ރޮއެރޮއެ ބިރުންނޭ ރައްޔިތުން އަދުމިތިބެނީ
ނޭނގެޔޭ ޤައުމަށް އަރާނީ، ކޮންއިރަކު، ކޮން ބަޔަކުކަން
ދޭންޖެހޭ އަޅުވެތިކަމާ ދަރަނީގެ މިންވަރު ނޭނގެނީ
"ތެދުފުޅެއް! އަދި މިފަދަ ޢީދެއް ނާދެޔޭ ދިވެހިންނަކަށް"
އެނދުމަތިވެ މުޅި ޤައުމު އަދު "ކޯމާޔަކަށް" ގޮސްފައިވަނީ
