Support Us

ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ 

އަތުވެއްޖެޔޭ ފިޠުރުގެ ދުވަސް މިތުރުންގެ ހިތްތައް ހެއްވަމުން
ފަތުރައިލަމުން ހިތްހަމަޖެހުން ދަތުރެއް ސަވާބުގެ ނިންމަމުން

ފުރިހަމަވުމުން ހިފި ރޯދަޔާ ކުރިހައި ނަމާދާ ޞަދަޤަތާ
ހުރިހައި ރަނގަޅު ހެޔޮ އަޅުކަމާ ފުރިހަމަވުމުގެ ރަމްޒެއް ގޮތުން

މަބްރޫކު ޢީދުލްފިޠުރަކީ… މަބްރޫރް ޞިޔާމުގެ ނިމުމަކީ
ޢަބުރާ ޝަރަފުވެރި ކުލަތަކުން ބަބުޅާ ދުވަސްކަން އަންގަމުން

ތެދުމަގު ލިބުނު ތާޒާކުރާން މެދުވެރިވި މާތް ރަޙުމަތްފުޅުން
އެދުމާ ދުޢާތައް ފުއްދަވައި "އެ ދުވަސް" އުޖާލާކުރުވަމުން

އަޅުކަމުގެ ފުރިހަމަ މައްސަރުން ކަޅުކަން ހިތުން ނެރެ ނައްތަމުން
ފަޅުކަންމެ ރޫޙުން ފުއްސަމުން އަޅުނަށް ތަސައްލީ އޮއްސަމުން

ދަތްތައް ފަދައިން އެއް ހަމައަކުން ވަތްކެއް ނުވާނެ ނިޝާނަކުން
ދަތްޗާ އުފާ އެއް މިންވަރަށް ޙިއްސާ ކުރާކަން ދައްކަމުން

ނަލަހެދި އުފާކޮށް ކެއުމަށާ މަލަމަތި ނަޔާކޮށް އުޅުމަށާ
ހަލަބޮލިކަމާއެކު ކުޅުމަށާ އަޅަމެންގެ މައްޗަށް ރުއްސަމުން

އައިމާ އުފާވެރި މޫސުމެއް، ޣައިބުން ފޮނުއްވެވި ރަޙުމަތެއް
ގައިމޭ، ކިޔޭ ގިނަ ތަހުނިޔާ ހައިކޮށް ނުލައި އިއްވައިދެމުން

މަސްރަޙު އުފާޥެރި ކުރުވަމުން، ގަސްތައް އަލުން ދިރި ކުރިލަމުން
ވަސްމީރުހާ މައު ފޮޅުވަމުން ބަސްތީ މުޢައްޠަރު ކުރުވަމުން

އެކުވެރިކަމާއެކު މުސްލިމުން، މިކުރާ އުފާ ފަށްފަށްވެގެން
އެކުވެރި، ހަހަރުވެތި ބަސްތަކުން ގިނަގުނަ ތަހާނީ އޮއްސަމުން

ފަތިހެއްގެ ރީތި މަނާޒިރުން ކަތިކަން ނުވާ ފުރިހަމަކަމުން
މަތިވެރި ފިޠުރު ޢީދުގެ ފެށުން، އަތުވެއްޖެޔޭ އުފަލުން ހެމުން

މަބްރޫކު ޢިދުގެ ތަހުނިޔާ ހުރިހައި އަޚުންނަށް ދަންނަވަން
ޢަބްދުލް ޢަޒީޒު ޖަމާލް އަބޫ-ބަކުރުގެ މި ޅެން ނިންމައިލަމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *