Support Us

ރޫސީ ހަކަތައަށް ބަދީލެއް ނެތް: ޕޫޓިން

ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ރޫސީ ހަކަތައިގެ ބަދަލުގައި ބޭނުންކުރާނެ އެހެން ބަދީލެއް ލިބިފައިނުވާ ކަމަށް ރޫސީ ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި ރޫސީ ހަކަތައިގެ ތަމްވީނުތައް ހުއްޓުވުމަށް ފިއްތާފިއްތުންތަކުން ހުޅަނގަށް އުފުއްލަންޖެހޭ ބުރައާއި ތަކްލީފުތައް އިތުރުވެގެން ދާނެތެވެ.

ރައީސް ޕޫޓިން މި ދިޔަ ބުރާސްފަތި ދުވަހު މި ބަޔާން ދެއްވީ މޮސްކޯގައި ރަޝިޔާގެ ގޭހާއި ތެލުގެ މަސައްކަތުގެ ޞިނާޢަތުގައި އުޅޭ މީހުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޔުކްރޭން މަސްއަލައިގައި ރަޝިޔާއަށް ފިއްތުންތައް ފިއްތުމަށް ޓަކައި ހުޅަނގާއި އެމެރިކާއިން އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލީ އަދި އިޤްތިޞާދީ އެތައް ފިޔަވަޅުތަކެއް ވެއެވެ.

އެމެރިކާއާއި ހުޅަނގުން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން އެ ޤައުމުގެ ތެލާއި ގޭސް ރޫސީ ފައިސާއަށް މެނުވީ ނުވިއްކާ ގޮތަށް ރަޝިޔާއިން މިހާރު ވަނީ ހަމަޖައްސައިފައެވެ. ރަޝިޔާ ބުނާގޮތުގައި "ރަޙްމަތެރިނޫން ޤައުމުތަކުން" ދަނީ ރޫބެލުން އަގު ދެއްކުން ފަސްކުރަމުންނެވެ.
ރައީސް ޕޫޓިން ވިދާޅުވި ގޮތުގައި ޔޫރަޕްގެ ޤައުމުތަކުން ދަނީ ބާޒާރު ގަނޑުބަޑުކޮށް ބާޒާރަށް ލޮޅުން އަރުވަމުންނެވެ. މި ކަމުގެ ސަބަބުން އެ ޤައުމުތަކުގެ ރައްޔިތުން ތެލާއި ގޭސް ލިބޭ އަގު ދަނީ އުފުލެމުންނެވެ. އަދި އެ ޤައުމުތަކުގެ ލާދަ (އިންފްލޭޝަން) ދަނީ މައްޗަށް ކަމަށް ވެސް ރައީސް ޕޫޓިން ވިދާޅުވިއެވެ.

ރައީސް ޕޫޓިން ވިދާޅުވިއެވެ. "ނަޡަރީ ގޮތުން ބަލާއިރު ޔޫރަޕަށް ރަޝިޔާގެ ހަކަތައިގެ ބަދަލުގައި އެހެން މަގުތަކުން ލައިފައި ހަކަތަ ހޯދިދާނެއެވެ. އެހެނަސް އެއީ ޢަމަލީ ގޮތުން ކައިރި މުސްތަޤްބަލެއްގައި ކުރެވިދާނެ ކަމެއް ނޫނެވެ." ރައީސް ޕޫޓިން ވިދާޅުވިއެވެ. "ރޫސީ ގޭހާއި ހަކަތައިގެ ބަދީލެއް ހޯދުމަށް ކުރާ މަސައްކަތުން ބައިނަލްއަޤްވާމީ އިޤްތިޞާދަށް ނައްސި އަސަރުތަކެއް ކުރާނެއެވެ."

ރޫސީ ރައީސް ޕޫޓިން އެ ޤައުމުގެ މާލީ އިދާރާތަކަށް ބޭރު ފައިސާ ބޭނުންކުރުމުގެ ނިޒާމު ދޫކޮށްލައިފާ ރޫސީ ރޫބެލުން ފައިސާ ދެއްކުމަށް ބޭނުންވާ ނިޒާމު އަވަހަށް ތަރައްޤީ ކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ރަޝިޔާއިން ބޭރުކުރާ ހަކަތައިގެ ތަމްވީނުތައް ރަޝިޔާގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކުގައި ވަރުގަދަކުރެވޭނެއެވެ.

ރަޝިޔާއަކީ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކަށް ހަކަތަ ފޯރުކޮށްދޭ މުހިއްމު މަޞްދަރެކެވެ. ރަޝިޔާއިން އަހަރަކު މި ޤައުމުތަކަށް 155 ބިލިއަން ކޮޑި މީޓަރުގެ ގޭސް ފޮނުވައެވެ. އެއީ ޔޫރަޕްގެ އިއްތިޙާދަށް ބޭނުންވާ ގޭހުގެ 45% އެވެ. އެހެން ހުރިހާ ޤައުމުތައް ގުޅިގެން ވެސް މި ހާ ބޮޑު ޢަދަދެއް ޔޫރަޕްގެ އިއްތިހާދަށް ފޯރުކޮށެއް ނުދެވޭނެއެވެ.

ޔޫރަޕަކީ ރަޝިޔާގެ ގޭހުގެ އެންމެ ބޮޑު ބާޒާރެވެ. ރަޝިޔާއިން ވިއްކާ ގޭހުގެ 60% ދައްކަނީ ޔޫރޯއިންނެވެ. އަނެއް 40% ދައްކަނީ ޑޮލަރުންނެވެ.

ރަޝިޔާ އަތުން ގޭހާއި ތެޔޮ ގަތުމުގެ މަސްއަލައިގައި ޔޫރަޕް ވަނީ ޚިޔާލު ތަފާތުވެފައެވެ. ޖަރްމަނަށް ބޭނުންވާ ގޭހުގެ 55% ހޯދަނީ ރަޝިޔާ އަތުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *