ވެރިކަމުގެ ޝާނާއި ޝައުކަތު ގެއްލިގޮސް ދޯހަޅި ވުމުން
ގެރި ބަކަރި އަޚްލާގު "އަޢުވާނުން ފުށުން" ދޭ ފެންނަމުން
ފިތުނަވެރި އަލިފާން އެކީ، ޚާންދާނު ތެރެއިން ރޯވުމުން،
އިތުރަކަށް އަލިފާން ނިވާ "ފޯމެއްގެ" ބޭނުން ނެތް އަލުން
މީހުނާ މީހުންގެ އަބުރާ ޢިއްޒަތާ ޝަރަފާ ޤަދަރު
ވީދަމުން ނޮޅަމުން ދަނީ ޖާހިލުކަމުގެ ދަށް ފެންވަރުން
ހަޑިހުތުރު ޒިއްމާތަކާ ބަދުނާމު ބޮލުގައި އެޅުނަކަސް
ހަޑި ހުތުރު ކަމަކަށް ނުވާނޭ ލަދު އެއަށްވުރެ ކުޑަވުމުން
ސިއްރުކުރި އެތަކެއް ޚިޔާނާތާއި ވައްކަން ފައުޅުކޮށް،
ސިއްރަކުން ނޫނޭ އެގޮވަނީ، އަރިހުގައި ތިބި ޚާދިމުން
ސިއްރުތައް ފައުޅުވެ ފަޟީޙަތްވާން ދިމާވާ ސަބަބަކީ،
އިންތިހާ މަކަރާ، ދޮގާ ވެސް ޙައްދު ފަހައަޅައި ދިއުން
"ވާރިސުން ކަމުގައި ބެލޭ ފަސްލައްކަ މީހުން ޙައްގުތައް
ރަހުނުކޮށް ވިއްކާ ހަދާ ވާހަކަ އެގޮވަނީ ވާރިސުން"
ވައްކަމާ މަކަރާ ކޮރަޕްޝަން ސިއްރުކުރި ހުރިހާ ކަމެއް
ދައްކަމުން އެދަނީ މިއަދު ކައިރިިގަ ތިބިހާ ޚާދިމުން
ނޭނގުމާ އެނގުމާއި ހަމަ ހަމަނޫން މިސާލަށް ވިސްނުމުން
ރޭރު މިވަނީ ބޭރު މީހުންނަށް ލަގަން ދޫކޮށް ލުމުން
"ތަގުޅިލާފައި ނާށިތަކުގައި ތިޔަރަފަތް، ތިޔަ ފޮރުވުމުން
ފަހުވަގުތު އުފެދޭނި ނަގުލަންދާށިކަން ވެސް ނޭނގުމުން"
