ރަހުމަތްތެރިޔާއެވެ!
ރަހުމަތުގެ ދަރުބާރުން މި ބަރަކާތްތެރި ވަގަތު ތިބާއެއް ނުފެނުނެވެ.
ވަށަވަށައިގެން އަހުރެން ހޯދީމެވެ.
އެހެނަސް ތިބާއެއް ނުފެނުނެވެ.
ފަތިހެއްގެ ފުރިހަމަ މަނާޒިރު ދުށުމުގެ އެންމެ ބޮޑު ތަސައްލީ އަކީ ފަތިސް ނަމާދެވެ.
ތިބާ ބުނީމު ނޫން ހެއްޔެވެ؟
ބާއްޖަވެރި ހެނދުނަކުން ބާއްވެރި ދުވަހެއްގެ އުފާވެރިކަން ފެށޭ އެންމެ ބަރަކާތްތެރި ފެށުމަކީ ފަތިސް ނަމާދެވެ.
ތިބާ ބުނީމު ނޫން ހެއްޔެވެ؟
މަޙުޝަރުގެ މައިދާނުން ފަތަޙައާއި ފަލާޙާއި ކާމިޔާބަށް އެދެންޏާ ފަތިސްނަމާދުން ދުވަސް ފަށްޓާށެވެ.
ތިބާ ބުނީމު ނޫން ހެއްޔެވެ؟
އެހެނަސް މި ބަރަކާތްތެރި ދަރުބާރުން ތިބާއެއް ނުފެނެއެވެ!
ދުށުން އެދި އިންތިޒާރު މި ކުރަނީ ތިބާއާ މި ދަރުބާރުން ބައްދަލުވުމެވެ!
ގައިމަތީ އެޅި ރަޖާގަނޑު އެއްލައިލާށެވެ!
ފަލާޙުގެ ނިދާ ކަންފަތަށް އިއްވާށެވެ!
ކާމިޔާބުގެ މަގު ލޮލަށް ދައްކާށެވެ!
އުންމީދާއި ހިތްހަމަޖެހުމުގެ ހަގީގީ ދުނިޔެ ހިތަށް ދައްކާށެވެ!
މި ބަރަކާތްތެރި ދަރުބާރަށް،
ރަހުމަތުގެ މި މައިދާނަށް،
ހިދާޔަތުގެ މި މަގަށް،
އުފާވެރިކަމުގެ ހަގީގީ މަންޒިލަށް،
އަހުރެން ތިބާއަށް ދައުވަތު ދެމެވެ.
ބައްދަލުވާނެ ކަމުގެ ލޮބުވެތި އުންމީދާ އެކުއެވެ.