ހެޔޮވި ހުރިހާ ދައުވަތައިގެން ޝަހްރު ރަމަޟާން އަންނަނީ
ހެޔޮކަމުގެ ހަދިޔާ ބަހައިދޭން ޝަހްރު ރަމަޟާން އަންނަނީ
ނަފުސުތައް ޠާހިރުކުރާ ހެޔޮ އަޅުކަމާއި ދުޢާތަކުން
ނަފުސުތައް ދޮވެ ސާފުކޮށްދޭން ޝަހްރު ރަމަޟާން އަންނަނީ
ހިތްތަކުން ކަޅުފޮއި އަދިރިކަން ނެރެ އެ ހިތްތައް އަލިކުރާން
ހިތްވަރެއް ރޯޝަންކުރާށޭ ޝަހްރު ރަމަޟާން އަންނަނީ
އަޚުކަމާ އެކުވެރިކަމުގެ ފޭރާމުގައި އަތްތައް ގުޅައި
އަހުލުނަށް މަގު ދައްކަދޭށޭ ޝަހްރު ރަމަޟާން އަންނަނީ
އަޅުކަމަށް އިހުމާލުވީ ހިތްތައް އަލުން އާބާދުކޮށް
އަޅުތަކުން ކިޔަމަން ކުރާށޭ ޝަހްރު ރަމަޟާން އަންނަނީ
ދަތިކަމާ ނިކަމެތިކަމުގެ ހަނަފަސްކަމަށް ގެނުވައި ނިމުން
ފަތިހަކަށް ހުޅުދާން ކުރާށޭ ޝަހްރު ރަމަޟާން އަންނަނީ
ނުނިޔަތާ ހިތް ހަރުކަމާ ކިބުރާ ބޮޑާކަން ފައްސަމުން
ދުނިޔެއިން ތައުބާށަ އެދުމަށް ޝަހްރު ރަމަޟާން އަންނަނީ
މާތްވި މޫރިތި ކަލިމަފުޅު، ޤުރްއާން ތިލާވާތުގެ މަގުން
މާތް ފޮތުން ރޫޙަށް އުފާދޭން ޝަހްރު ރަމަޟާން އަންނަނީ
ރުއްސަވާ ގިނަގުނަ އަޖުރުލިބިދޭ ތަރާވީހާއެކީ
ފުއްސެވުން ތަކުރާރުކޮށްދޭން ޝަހްރު ރަމަޟާން އަންނަނީ
އެއްރެއިން އެއް ހާސް އެތައް މައްސަރުގެ މަތިވެރިވީ އަޖުރް
ދެއްވުމަށް ފަހިކޮށްލަދޭށޭ ޝަހްރު ރަމަޟާން އަންނަނީ
ބަންދުކޮށް ނަރަކައިގެ ދޮރު،ޝައިތާނު ކަސްތަޅު އަޅުވަމުން
ޖަންނަތުގެ ދޮރު ހުޅުވަމުންނޭ ޝަހުރު ރަމަޟާން އަންނަނީ
ރަހުމަތާ ނިޢުމަތުގެ ދޮރުތައް ހުޅުވަމުން ހަފަރާތުގައި
ރަހުމަތުން ތަނަވަސްވެ މޫސުން ޝަހުރު ރަމަޟާން އަންނަނީ
