މަސްތުވާތަކެއްޗާއެކު ތ. ހިރިލަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ހިރިލަންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި 18 އަހަރުގެ މީހަކު ހައްޔަރުކުރީ، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެ ގެއިން މަސްތުވާތަކެތި ފެނުމުން ކަމަށެވެ. މިގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 56 ކަރުދާސްކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment