Support Us

ޝާކިރުބޭގެ ހެޔޮ ނަޞޭޙަތް

ރުހެންޏާ މީހަކާ މެދުވެސް ރުހެން ވަކި މިންވަރެއް ވިސްނާތި،
ރުހޭ މީހާ ކުރާހައި ކޮންމެފަދަ ޢަމަލެއް ތިބާ ނުކުރާތި

ކަނޑަށް އެރުނަސް ނަގަން ފަހަތުން އެރޭނަމައީ އެރޭ އިރުގައި،
ފަތަން ނޭނގޭ ކަމަށް ވަންޏާ ތިބާ ގެނބިދާނެކަން ވިސްނާތި

އުޑަށް އެރުމަށް ޓަކާ ފުމުނަސް، ރުހޭ މީހާގެ ފަހަތުން ވެސް
އުޑަށް ނޭރޭނެކަން ދެނެހުރެ އުޑަށް އެރުމަށް ތިބާ ނުފުމޭތި

ގަހަށް އެރިޔަސް އަރަން ފަހަތުން ހިފަން ގޮތްޕެއް ނެތީވިއްޔާ
ގަހަށް އެރުނަސް ގަހުން ފޭބޭނެތޯ ނުބަލައި ތިބާ ނާރާތި

ތަނެއްގެ ހަލާކު ކުރިމަގުގައި ވެދާނޭ ކަންކަމާ މެދުގައި
ކަމެއްގައި އުޅުނަކަސް އެކަމާ ތިބާ ބައިވެރި ވެގެން ނޫޅޭތި

ކޮނޑަށް އަރުވާ ދިނަސް ރަން ރިހި، ޖަވާހިރު ލާލު ކީސާތައް،
ކޮނޑުން ނުހިފޭކަމަށް ވަންޏާ ކޮނޑަށް އަރުވަން ތިބާ ނުރުހޭތި

ވިދާހައި ކޮންމެ އެއްޗެއް އަދި "ރަނޭ ހީކޮށް" ތިބާ ނޫޅޭތި،
އިތާގެ ބަނޑުން ވިހޭހައި އެއްޗަކީ "މުތަކަށް" ތިބާ ނުބަލާތި

ކަމެއް އޮޅުވާ ލުމަށް އެއްދޮގު ހަދައިގެން ފޫ ނުބެއްދޭތީ
ކަމުގެ ފޫބެއްދުމަށް ހަތް ދޮގު ހަދާނެ ކަމަށް ތިބާ ވިސްނާތި

އަބުރުވެރި ޢިއްޒަތެއް އޮތަކަސް އަބުރުވެރި މީހަކާ އެކުވެސް،
ކަނބުރު ގެއަކަށް ވަނީމާ އަޅި ބުރާނެ ކަމަށް ތިބާ ވިސްނާތި

ބަޅެއްގެ ނަގޫ ކަނޑައި، ސަންފާ އޮނަށްލައި ތެދުކުރަން އުޅުނަސް،
ލަހެއްނުވެ ހަމަ އެއޮތް އަސްލަށް ލެނބޭނެ ކަމަށް ތިބާ ވިސްނާތި

އަތަށް ލައިގެން "ގޮހޮރު ކާންދީ ހަދައިގެން އޮޅުކުރާ ކަޅު ވެން"
އަތާ އެކުވެސް ގޮހޮރުގަނޑު ކައި ނުލާނެކަމަށް ތިބާ ނުބަލާތި

މިއީ "ޝާކިރުބެ" ކުރިހާ ތަޖުރިބާއިން ލިބުނު ޢިބުރަތުގައި،
މިއީ ހިތް ހެޔޮ ކަމާއެކު ދިން ނަޞޭޙަތެކޭ ތިބާ ވިސްނާތި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *