Support Us

ކާލަންވެގެން ފަހަތުން ދުވި ސިންގާގެ ވާހަކަ

މީހަކު ޖަންގައްޔެއްގައި ހިނގަމުން ދިޔައެވެ. އެތާނގެ ގަސްގަހާ ގެހީގެ ރީތިކަމާއި، ޗާލު މާތަކުގެ މީރު ވަސް ބަލަމުން، އެ ޖަންގަލީގެ ރީތި މަންޒަރުތައް ބަލަމުން އޭނާ ދިޔައެވެ. ދޫނިތައް ގޮވާ ހިތްގައިމު އަޑުތައް އަހަމުން ވަރަށް ހިތްހަމަޖެހިލައިގެން އޭނާ ހިނގަމުން ދަނިކޮށް ކުއްލިއަކަށް އޭނާ ސިއްސުވާލީ ކައިރިވަމުން އައި ހަޅޭކެއްގެ އަޑެކެވެ. އަޑު ގަދަވަމުން ކައިރިވަމުން އައިސް އޭނާއާ ހަމަކޮށްފިއެވެ.

ފަހަތް ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. އޭނާ އަށް ފެނުނީ ބޮޑު ސިންގާއެއް އޭތީގެ އަނގަ ތަންމިނަށް ހުޅުވައިގެން އޭނާ ކައިލަން އަންނަ މަންޒަރެވެ. އޭތީގެ މޫނުމަތިން ވަރަށް ވެސް ބޮޑަށް ބަނޑުހައިވެފައި އޮތްކަން އެނގުނެވެ.

ބަލަން ނުހުރެ އޭނާ ސަލާމަތްވާން ދުއްވައިގަތެވެ. ސިންގާ ވެސް އޭނާގެ ފަހަތުން ފިސާރި ބާރުމިނުގައި ދުއްވައިގަތެވެ.

ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ދުވަސްވެފައިވާ ވަޅެކެވެ. ބިރުގަނެފައި ހުރިލެއް ބޮޑުކަމުން އެޔެއްމިޔެއް ބަލާނުލާ ސިންގާގެ ކިބައިން ސަލާމަތްވުމަށް ވަޅަށް ފުއްމާލިއެވެ. އަދި މަތިން ފެން ނަގަން ގެންގުޅޭ ވަލެއްގައި އޭނާ އަށް ހިފެހެއްޓުނެވެ.

ހިނދުކޮޅަކަށް ފަހު އޭނާގެ ވަރުބަލިކަން ފިލައި ނޭވައިލުން ހަމަޖެހިއްޖެ އެވެ. އަދި ސިންގާގެ ހަޅޭއް ވެސް މައިތިރިވެއްޖެއެވެ.

އެ ދަނޑިވަޅުން ސަލާމަތް ނުވެވިގެން އުޅެނިކޮށް އޭނައަށް ވަޅުތެރެއިން އަޑެއްއިވެން ފެއްޓިއެވެ. އެއީ ވަރަށް ބޮޑު ހަރުފައެއް ސްސްސްސް…. ލައްވާ އަޑެވެ.

މަތީގައި ސިންގާއެވެ. ތިރީގައި ހަރުފައެވެ. އޭނާ މި ނުރައްކާތެރި ދަނޑިވަޅުން ސަލާމަތްވާނެ ގޮތަކާ މެދު ވިސްނަން ފެއްޓިއެވެ.

ދެން އިތުރަށް ކަންކަން ގޯސްނުވާނޭ ހިތާ ހުއްޓާ، އޭގެ މައްޗަށް އޭނާ އަށް ފެނުނީ ހުދު ކުލައިގެ މީދަލަކާއި ކަޅު ކުލައިގެ މީދަލެއް، އޭނާ ހިފަހައްޓައިގެން ހުރި ވަލުގެ ކޮޅަށް އަރައި ފަހަރަކު އެއްޗެއް ވާ ކާންފެށި ތަނެވެ.

އޭނާ ގަތް ބިރުން، ވާގަނޑު ތަޅުވަން ފެއްޓިއެވެ. ނަމަވެސް އެ ދެ މީދާ ވަޅުގެ ކަނާތާއި ވާތަށް ދުވެލަދުވެލައި އުޅުނެވެ. އެ ހާލުގައި އޭނާ ވަނިކޮށް ތެއް އެއްޗެއް އަތުގައި ޖެހޭހެން ހީވުމުން ބަލައިލިއިރު، އެއީ މާމުޔެވެ.

އެހާލުގައި އޭނާ ވީ ހިނދު ވެސް އޭގެ ރަހަ ބަލައިލިއެވެ. އަދި އޭގެ ރަހަ ބަލަމުން ގެންދިޔައެވެ. އެ މާމުއިގެ ފޮނިކަމާއި މީރުކަމުން އޭނާ އެވީ ދަނޑިވަޅު މަތިން މުޅިން ހަނދާން ނެތިއްޖެއެވެ.

މަތީގައި، ބަނޑުހައިވެފައި އޮތް ބޮޑު ސިންގާ އާއި، ތިރީގައި އޭނާ ވެއްޓުމުން ކާލުމަށް ތައްޔާރަށް އޮތް ހަރުފަޔާއި އަދި ވާގަނޑު ކަމުން ދިޔަ ދެ މީދާގެ މަތިން މުޅިން ހަނދާން ނެތިއްޖެއެވެ.

ކުއްލިއަކަށް އޭނާ އަށް ހޭލެވިއްޖެއެވެ. އެވީ ވަރަށް ވެސް ބިރުވެރި ހުވަފެނަކަށެވެ.

މި ހުވަފެނުގެ ތަފްސީރު ހޯދުމަށް އޭނާ ޝައިޚެއްގެ ކައިރިއަށް ގޮސް ކިޔައިދިނެވެ.

ޝައިޚް ހީނލުމަށްފަހު އޭނާއަށް ބުނެލިއެވެ.

"ތިބާ އަށް މި ހުވަފެނުގެ ތަފްސީރު ނޭނގޭ ހެއްޔެވެ؟"

އޭނާ، އާނ އެކޭ ބުނުމުން، ޝައިޚް ކިޔައިދެއްވިއެވެ.

ތިބާގެ ފަހަތުން ދުވި ސިންގާ އަކީ "މަރެވެ."

އަދި ހަރުފަ އޮތް ވަޅަކީ ތިބާގެ "ޤަބުރެވެ."

އަދި ތިބާ އޭގައި ހިފައިގެން އޮތް ވަލަކީ ތިބާގެ "ޢުމުރެވެ."

އަދި ވާގަނޑު ކަމުން އައި ކަޅު މީދަލާއި ހުދު މީދަލަކީ "ރެއާއި ދުވާލެވެ."

ތިބާގެ ޢުމުރު ކަމުން އެ ދޭތި އާދެއެވެ.

އޭނާ ބުންޏެވެ "ޝައިޚެވެ! ދެން މާމުޔަކީ ކޯއްޗެއްތޯ އެވެ؟"

ޝައިޚް ބުންޏެވެ.

"އެއީ ދުނިޔޭގެ އުފަލާއި އަރާމާއި ލައްޒަތެވެ. އެ ތިބާގެ ފަހަތުގައި މަރާއި ޙިސާބު ބެއްލެވުން ވާކަން، ހަނދާން ނައްތުވާލައެވެ."

-الرحيق-

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *