މަޖިލީހެއްގައި އިލްމުވެރިއެއް ޞަޙީޙުލް ބުޚާރީ ޝަރަޙަ ކޮށްދެއްވަނިކޮށް މީހަކު އައިސް ޢިލްމުވެރިޔާއަށް ބުންޏެވެ.
"ހުޅަނގުގެ މީހުން ހަނދަށް ދަތުރު ކުރާއިރު ތިބާ މިތާނގައި ޞަޙީޙުލް ބުޚާރީ ޝަރަޙަ ކޮށްދެނީހެއްޔެވެ؟"
ޢިލްމުވެރިޔާ ޖަވާބު ދެއްވިއެވެ.
"ދަރިފުޅާއެވެ! މިކަމުގައި ޢަޖައިބު ކުރުވަނި ކަމަކީ ކޮބައިތޯއެވެ؟ މަޚްލޫޤެއް މަޚްލޫޤަކަށް ވާޞިލުވީއެވެ. އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ ޚާލިޤުވަންތަ ރައްބަށް ވާޞިލުވުމަށެވެ! އެކަމަކު ތިބާ އަށް އެނގޭ ހެއްޔެވެ؟ މިދެބައިމީހުން ތެރެއިންވެސް އެއްވެސް ކޮޅަކު ނުޖެހި ބަނގުރޫޓުވެފައިވާ މީހަކީ ތިބާއެވެ. ތިބާއަށް އެމީހުންނާ އެކު ހަނދަށް ދެވުނީކީ ނޫނެވެ. އަދި އަހަރެމެންނާ އެކު ބުޚާރީ ކިޔަވަން އައީކީ ވެސް ނޫނެވެ."
ބައެއް މީހުން ވަނީ މިފަދައިންނެވެ. އެބައިމީހުންނަށް ޢިލްމެއް ނޭނގޭ ޙާލު ޢަމަލެއް ވެސް ނުކުރެވެއެވެ. އެބައިމީހުންގެ ހަމައެކަނި ކަމަކީ އެހެން މީހުންގެ ކުށް ދައްކައި އެމީހުން ދަށްކޮށްލުމަށް މަސައްކަތް ކުރުމެވެ.
-التدقيق اللغوي-




advertisment