Support Us

"މަގޭ ބަސް، މަގޭ ފަޚުރު"ގެ ނަމުގައި ހިތަދޫ ނޫރާނީ ސްކޫލުން އެއް އަހަރު ދުވަހުގެ ކެމްޕޭނެއް ފަށައިފި

"މަގޭ ބަސް، މަގޭ ފަޚުރު"ގެ ނަމުގައި އައްޑޫސިޓީ ހިތަދޫ ނޫރާނީ ސްކޫލުން އެއް އަހަރު ދުވަހުގެ ކެމްޕޭނެއް އިއްޔެ ފަށައިފިއެވެ. މިއީ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ކޮންމެ ހަފުތާއަކު އެއް ދުވަހު ހިންގާ ހަރަކާތެކެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ އަދަބީ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ބަހަށް ޚިދުމަތް ކުރާ އަމިއްލަ ޖަމއްޔާއެއް ކަމަށްވާ ޝާޢިރުންގެ ވާދީ އާއި ނޫރާނީ ސްކޫލް ގުޅިގެންނެވެ.

ނޫރާނީ ސްކޫލްގައި އިއްޔެ ހެނދުނު ބޭއްވި ޚާއްސަ އެސެމްބްލީގައި މި ޙަރަކާތްތައް ފައްޓަވައިދެއްވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާސިލުކުރައްވާފައިވާ ޝާޢިރުންގެ ވާދީގެ ރައީސް، ޙަސަން ލަބީބާއި ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް ސުލްޠާން ރާމިޒެވެ.

އެސެމްބްލީގައި ވާހަކަ ދައްކަވަމުން ޙަސަން ލަބީބު ވަނީ ދިވެހި ބަހުގެ ތެރޭ އައްޑޫ ބަހުރުވައިގެ ދައުރު އޮތް މިންވަރާއި އައްޑޫބަސް މުހިއްމުވާ ސަބަބުތައް އޮޅުންފިލުވައިދެއްވާފައެވެ. އަދި ދިވެހި ބަހަށް ޚިދުމަތް ކުރުމުގައި އަމިއްލަ މާދަރީ ބަސް ނެގެހެއްޓުމަށް ބާރު އަޅުއްވައި އެރޮނގުން އަގުހުރި މަޢުލޫމާތުތަކެއް ދަރިވަރުންނަށް ފޯރުކޮށްދެއްވާފައެވެ.

ނޫރާނީ ސްކޫލުގެ ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބި ޖެއްސުމަށް ކުރާ މަސައްކަތަށް ތަޢުރީފު ކުރައްވަމުން ލަބީބު ވިދާޅުވީ މުޅި އަހަރު ދުވަހަށް ބަހާލައިގެން ހިންގާ "މަގޭ ބަސް، މަގޭ ފަޚުރު" ކެންޕޭންގައި ފަންނީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ޝާޢިރުންގެ ވާދީގެ ބައިވެރިވުމާއި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"މަގޭ ބަސް، މަގޭ ފަޚުރު" ކެންޕޭންގެ ތެރެއިން ނޫރާނީ ސްކޫލްގެ އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް ޢިބްރަތްތެރި ދިވެހި ވާހަކަ ލިޔަން ދަސްކޮށްދީ ދަރިވަރުންގެ ވާހަކަތައް ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކިޔޭނެ ފަދަ ޕްލެޓްފޯމެއް ގާއިމް ކުރުން ހިމެނެއެވެ. މިއާއެކު ފަރިތަކަމާއެކު ދިވެހި ބަހުގެ ޚަބަރާއި މަޢުލޫމާތު އަދި ރިޕޯޓާއި އިޝްތިހާރު ފަދަ ތަކެތި ކިޔާނެ ގޮތް ދަސްކޮށްދީ މި ހުނަރު އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް ޚާއްސަ ޙަރަކާތްތަކެއް ހިންގާނެ ކަމަށް ވެސް ޝާޢިރުންގެ ވާދީން ބުނެއެވެ.

ދިވެހި ބަސް ކުރިއެރުވުމަށް ޝާޢިރުންގެ ވާދީގެ "ފަނާރުން" ކުރާ މަސައްކަތާއެކު ނޫރާނީ ސްކޫލްގެ ދަރިވަރުންގެ ހުނަރު އިތުރު ކުރުމަށް އެ ސްކޫލާ ގުޅިގެން މަސައްކަތްތަކެއް ފެށުމަކީ ދަރިވަރުންގެ ދިވެހި ބަސް ކުރިއަރައި ދިއުމުގެ އިތުރުން، ދިވެހި ބަހަށް ޝާޢިރުންގެ ވާދީން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެ ޕްރިންސިޕަލް ސުލްތާން ރާމިޒް ވަނީ އެ ޖަމްޢިއްޔާގެ ހިންގުންތެރި ވެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ހަފްތާ، އިއްޔެގެ ޚާއްސަ އެސެމްބްލީން ފެށުމަށްފަހު ދުވަހާ ގުޅޭ ވީޑިއޯއެއް ވަނީ ލޯންޗް ކޮށްފައެވެ. އެއާއެކު އެ ޖަމްޢިއްޔާގެ މެންބަރުން ގެންދަނީ ޅެންވެރިކަމުގެ އެކި ބާވަތްތައް ބޭނުންކޮށްގެން ދުވަހުގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ނިންމާލާނީ "މައިފުނަ ބަހި ޖަގަޑާ"ގެ ނަމުގައި އަންނަ ބުރާސްފަތި ދުވަހު އޮންނަ ފޯރިގަދަ ޙަރަކާތަކުން ކަމަށް ވެސް ޝާޢިރުންގެ ވާދީން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް