ޅ. ނައިފަރު ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ނައިފަރު މަދަރުސަތުލް އިފްތިތާޙްގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިފަރު ކައުންސިލުން ވަނީ ނައިފަރުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން ނައިފަރުގައި 100 ހައުސިންގ ޔުނިޓް ބިނާކުރި ނަމަވެސް އަދިވެސް ބޯހިޔާވަހިކަން ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތްތައް އިތުރުކޮށް ސްޕެޝަލިޓީ ޚިދުމަތްތައް ހުންނަން އެދޭކަމާއި މަގުހެދުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ނައިފަރު މަދަރުސަތުލް އިފްތިތާޙަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ރަށުގެ އިޤްތިސާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންތައްތައް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިހާރު އަންނަނީ ސަރުކާރުން ރައްޔިތުނަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތްތައް ކުރަމުންކަން ފާހަގަކުރައްވައި ސަރުކާރުން ވީ ވަޢުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ހުރެ ބައެއް މަޝްރޫޢުތައް މަޑުޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމުގައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ނިޒާމު ހަރުދަނާކޮށް ސްޕެޝަލިސްޓުން ހޯދުމަށް ކައިރި މުސްތަޤްބަލެއްގައި ޙައްލުތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށާއި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ މަދަރުސަތުލް އިފްތިތާޙްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ ޅ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



advertisment