Support Us

ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސް ވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަނުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ އެމަރުކަޒުގެ ބައެއް އިމާރާތްތަކުގައި ހުރި މައްސަލަތަކާއި މަރުކަޒުގައި ޤާއިމުކޮށްފައިވާ ވަޞީލަތްތަކުގެ ފެންވަރު މަތިކޮށް ޒަމާނީ ފެންވަރަށް ގެނައުމާއި، އަދި ތަޢުލީމީ މަރުކަޒު އެންމެ އެދެވޭ ގޮތަށް ހިންގުމަށް އިތުރު ތިން ބުރީގެ އިމާރާތެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމީ މަރުކަޒަށް އިތުރަށް އިންސާނީ ވަޞީލަތް ބޭނުންވާކަން އެ މުއައްސަސާގެ އިސްވެރިން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ މަރުކަޒުގެ އިސްވެރިން އެދިވަޑައިގެންނެވި ކަންކަމުގައި މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ވަނީ ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙާލަތު ބައްލަވާލައްވާފައެވެ. އަދި ހިންނަވަރު ޞިއްޙީ މަރިކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވާލެއްވުމުގެ އިތުރުން ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއެވެ. ހިންނަވަރު ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު އޮތް ބަނދަރު ހެދުމާއި، އައު ބަނދަރެއް ހެދުމާއި އަދި ބޮޑެތި ބޯޓްފަހަރަށް ގާތްކުރެވޭ ގޮތަށް ޑީޕް ވޯޓަރ ކީވޯލްއެއް ހެދުން ހިމެނެއެވެ. އެ ގޮތުން ކުރީގެ ބަނދަރުގެ ކީވޯލްގެ މަސައްކަތް ނިމި އައު ބަނދަރު ފުންކުރުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ. މިހާރު ކުރިޔަށް ދަނީ އައު ބަނދަރުގެ ކީވޯލްގެ މަސައްކަތެވެ. އައު ބަނދަރަކީ 162 މީޓަރުގެ ދިގުމިނުގައި ހަދާ ބަނދަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް