ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކުރުމުގައި އެއް ރަށް އަނެއް ރަށް ދަތުރުފަތުރުން ގުޅުވާލުމަކީ މުހިންމު މަސައްކަތެއް ކަމަށާއި އެގޮތުން މަޑިވަރުގައި ހުޅުވުނު އެއަރޕޯޓާއެކު، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިހާރު އެއަރޕޯޓެއް ޤާއިމުކުރެވިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ ޅ. މަޑިވަރުގައި ތަރައްޤީކޮށްފައިވާ އެއަރޕޯޓް ރަސްމީގޮތުން އިއްޔެ ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ މީގެ 16 ވަރަކަށް އަހަރުކުރިން ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރައްވައި އެ އެއަރޕޯޓް ހުޅުވިގެން ދިއުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނާއި މިސަރަޙައްދުގައި ރިޒޯޓްތައް ހިންގާ ފަރާތްތަކަށްވެސް ލިބިގެންދިޔަ އުފަލެއްކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ މި އެއަރޕޯޓާއެކު ޅ. އަތޮޅުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވުމާއި ގެސްޓްހައުން ހިންގާ ފަރާތްތަކާއި ހޯމް ސްޓޭގެ ވިޔަފާރިއާއި އަދި އެހެން ވިޔާފާރިތަކަށް ވެސް ކުރިއެރުން ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާޙަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެއަރޕޯޓް ހުޅުވިގެން ދިޔައީ އެންމެ ފުރިހަމަ ވަޞީލަތްތަކާއެކުގައިކަން ފާހަގަކުރައްވައި އެއަރޕޯޓް ހިންގުމަށް ހަވާލުވެފައިވާ އައިލެންޑް އެވިއޭޝަނުން ރައްޔިތުންނާއި ރިޒޯޓްތަކުން ބޭނުންވާ ފެންވަރުގެ ޚިދުމަތްތަކެއް ދެއްވުން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަން ފާހަގަކުރައްވައި މި އަހަރުގެ ތެރޭގައި އިތުރު ދެ އެއަރޕޯޓެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި މަޑިވަރު އެއަރޕޯޓް ތަރައްޤީކުރި ފަރާތުން މި އެއަރޕޯޓް އިތުރަށް ބޮޑުކޮށް އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް ވަމުން އަންނަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މަޑިވަރު އެއަރޕޯޓް ރަސްމީގޮތުން ހުޅުވުމުގެ ގޮތުން އިއްޔެ އެ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އެވިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ރަމްޒީ ބޯޑިންގ ފާހެއް ވެދުމަށް އެރުވިއެވެ. އަދި ކުރެއްދޫ ހޯލްޑިންގް ލިމިޓެޑްގެ ފަރާތުން ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އައިލެންޑް އެވިއޭޝަންގެ ފަރާތުން ބޯޑިން ފާސް ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދެވެ. ކުރެއްދޫ ހޯލްޑިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިނގް ޑިރެކްޓަރ މުޙައްމަދު މޫސާއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ ފަރާތުން އައިލެންޑް އެވިއޭޝަނަށް އެރޯޑްރޯމް ސެޓިފިކޭޝަން ހަވާލުކޮށްދެއްވުން އޮތެވެ.
މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. އެ އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑެވެ. މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއްފަހަރާ ހަތަރު މަތިންދާ ބޯޓަށް ޚިދުމަތް ދެވެންހުރެއެވެ. ހަމަ އެހެންމެ ޓަރމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރުގެ އިތުރުން ހިންނަވަރު، ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



advertisment