ދެކުނު އެމެރިކާގެ ވެހީންގެ ބަސްތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ބަސް ކަމުގައިވާ "ޔަމާނާ" ބަހުން ވާހަކަދައްކަމުން ދިޔަ މީހާ އިއްޔެ މަރުވުމުން އެ ބަސް" ޔާގާން" ބަސް އިންދިރާސް ވެއްޖެކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
ޔަމާނާ ބަހުން ވާހަކަދައްކަމުން ދިޔަ އެންމެ ފަހު މީހާ ކްރިސްޓީނާ ކެލްޑެރޯން، ޢުމުރުން 93 އަހަރުގައި މަރުވީ އިއްޔެ އެވެ. އޭނާގެ އުޚްތު ޗިލީގައި 2003ގައި މަރުވުމުން ޔަގާން ރައްޔިތުން ވާހަކަ ދައްކާ މީހުންގެ ޢަދަދު އެކަކަށްވީއެވެ. މި މީހުންނަކީ ޗިލީއާއި އާޖެންޓީނާގެ ސަރަޙައްދުގައި ހިމެނޭ އަތޮޅެއްގައި ދިރިއުޅެމުން އައި ބައެކެވެ.
ކެލްޑެރޯން އޭނާގެ ބަސް އިންދިރާސްވެގެން ދިޔަ ނުދިނުމަށް ޓަކައި މި ބަހުގެ ބަސްފޮތެއް އެކުލަވައިލުމުގެ މަސައްކަތް ކުރަން ފެށިއެވެ. މި ބަސްފޮތަކީ ސްޕޭން ބަހަށް ޔާމާނާ ލަފުޒުތައް ތަރްޖަމާ ކުރުމުގެ މަސައްކަތެކެވެ. ކެލްޑެރަންގެ އަންހެން ދަރިއެއް ކަމުގައިވާ ލީޑިޔާ ގޮންޒާލީސް އޭނާގެ މަންމަ މަރުވުމުން ކުރި ޓްވީޓެއްގައި ބުންޏެވެ. "އޭނާ ދިޔުމުން އަހުރެމެންގެ ސަޤާފީ ހަނދާނުގެ ބޮޑު ބައެއް އޭނާއާއެކު ފުރައިގެން ހިނގައްޖެއެވެ."
ލީޑިޔާ ގޮންޒާލީސްގެ ޓްވީޓްގައި ބުނިގޮތުގައި ކޮންމެވެސް މިންވަރަކަށް މި ބަސް އިންދިރާސްވެގެން ދިޔަނުދީ ދެމެހެއްޓިދާނެކަމުގެ އުންމީދުކޮޅެއް އެބަ އޮތެވެ. އެއީ ބަހުގެ ބަސްފޮތް ވުޖޫދަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އަލިކަން ފެނިއްޖެނަމައެވެ. ޔާގާން ރައްޔިތުންގެ ވިއްސަކަށް ތިރީހަކަށް މީހުން ދުނިޔޭގައި ތިބިނަމަވެސް ފަހުގެ ޖީލުތަކުން ވަނީ މި ބަސް އުނގެނި އުނގަންނައިދިނުން ހުއްޓައިލައިފައެވެ. އެމީހުންގެ މިހާރުގެ ބަހަކީ ސްޕޭން ބަހެވެ.
މިއީ ދިވެހީން ވިސްނައިލުން ރަނގަޅު ކަމެކެވެ.



advertisment