ޔާ އިލާހީ ހެޔޮ މަގުން އަޅަމެންގެ ގައުމު ލަހައްޓަވާށި
ޣާފިލުވެ މަގުފުރެދި ދާފަދަ ޙާލަތެއް ނުމެ ޖައްސަވާށި
ދީނުގައި އަޅަމެން އުޅެން އެންގެވި ގޮތާއި ފޮތާ އެކީ
ދީނުގައި އޮތް އެންމެ ސާބިތުކަން މަތީ ދަމަހައްޓަވާށި
ދައްކަވާފައިވާ ރަނގަޅު ހުރިހާ މަގުން ޤުރްއާނުގައި
ކަން ކުރަން އަޅަމެން ޢަޤީދާ ހަރުދަނާކޮށް ދެއްވަވާށި
ޖާހިލީ ހެއްލުންތަކުން ދުނިޔޭގެ އެދުމުން މިންޖު ވާން
ޚާއިނުންގެ "މަޅިން" ސަލާމަތް ވާނެ މަގުވެސް ދައްކަވާށި
ފިތުނަވެރި ދީނުގެ ޢަދުއްވުން އެކުވެރީންކަމުގާ ބަލައި
އެކު އުޅެން ނުޖެހޭ ގޮތަށް އަޅަމެންގެ ބޭނުން ފުއްދަވާށި
ނުފުދިގެންގޮސް ދީނަށާ ގައުމަށް ތިބޭ ޣައްދާރުނަށް،
ރުހުމުގައި އެދިގެން ސަލާން ނުޖަހާ ފުދޭވަރު ދެއްވަވާށި
އެކުވެރީން ރަޙްމަތްތެރީންނާ މިތުރުނާ އަދި ހަތުރުނާ
އެކުއުޅެން އެކުވެރިވެގެން އެންގެވި މަގުން މަގު ދައްކަވާށި
އެންމެ މާތް އީމާންކަމުން ﷲ ދެއްވެވި ނިޢްމަތުން
އެންމެފަހު ވަގުތާ ޖެހޭނދެން މިގޮތުގައިމެ ލަހައްޓަވާށި
