ޒުވާނަކު މަރަށް ހާޒިިރުވި ހިނދު، އޭނާގެ މަންމަ ރޯން ފެއްޓިއެވެ. އެ ހިނދު އެ ޒުވާނާ މަންމައަށް ބުނެލިއެވެ.
"އޭ މަންމާއެވެ! އަހަރެންގެ ޢަމަލުތަކުގެ ފަތް މަންމައާ ޙަވާލު ކުރެވިއްޖެނަމަ، މަންމަ އަހަރެންނާ މެދު ކަންކުރައްވާނީ ކިހިނަކުންތޯއެވެ؟"
މަންމަ ރޮމުން ރޮމުން ބުންޏެވެ.
"ދަރިފުޅަށް ރަޙުމުކުރާ ހުށީމެވެ."
ޒުވާނާ ބުންޏެވެ.
"ﷲ ސުބްޙާނަހޫ ވަތަޢާލާ، މަންމައަށް ވުރެއް ވެސް ބޮޑަށް އަހަރެންނާ މެދު ރަޙުމްވެވޮޑިގެންވެއެވެ."
މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާއާ މެދު ހެޔޮކޮށް ވިސްނުމުގެ ކިހާ ފުރިހަމަ މިޘާލެއްތޯއެވެ؟
ސަލަފުއްޞާލިޙުންގެ ބޭކަލަކާ ސުއާލު ވެވެނުވެ.
ދުޢާ ކުރުމުން އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާ މީހަކު ތިބާ އަށް އެނގޭ ހެއްޔެވެ؟
ވިދާޅުވިއެވެ.
"ނޫނެކެވެ. އަކަމަކު ދުޢާ އިޖާބަ ކޮށްދެއްވަވަނީ ކޮން ފަރާތެއްކަން އަހަރެންނަށް އެނގެއެވެ."
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުއާ މީހަކު ސުއާލު ކުރިއެވެ.
"ޤިޔާމަތް ދުވަހު، އަހަރެމެންގެ ޙިސާބު ބައްލަވަނީ ކާކު ތޯއެވެ؟"
އެކަލޭގެފާނު ވިދާޅުވިއެވެ.
"ﷲ އެވެ."
އެމީހާ ބުންޏެވެ.
"ކަޢުބާގެ ވެރި އިލާހު ގަންދީ ބުނަމެވެ. ތިހެން ވީއިރު އަހަރެމެން ސަލާމަތް ވެއްޖެއެވެ!"
މަޙްޝަރު ދުވަހުގެ ޙާލު ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿ وَخَشَعَتِ الْأَصْوَاتُ لِلرَّحْمَنِ ﴾ (طه :108)
މާނައީ- "އަދި ރަޙްމާނުވަންތަ އިލާހަށް (ބިރުވެތިވެ) އަޑުތައް ހިމޭން ވާނެއެވެ."
އެއީ އެ އިލާހުގެ މަތިވެރިކަމާއި ޖަބަރޫތަވަންތަކަން އެންމެ ބޮޑަށް އަޅުތަކުންނަށް ހާމަވެގެންދާނެ ދުވަސްކަމުގައި ވީހިނދު ވެސް، އެ އިލާހުގެ ޒާތުފުޅަށް الجَبَّارُ "ޖައްބާރުވަންތަ އިލާހު"ގެ ނަންފުޅުން ވަޙީ ނުކުރައްވައެވެ. އެހެނެއް ކަމަކު އެދުވަހުގައި ހިތްތައް ބިރުން ތުރުތުރު އަޅައި ތިބޭނެ ދުވަހެއްގައި ވެސް "رحمن" ވަންތަ އިލާހު ކަމުގައި އެ އިލާހު ވަޙީކުރެއްވި އެވެ.
-طلبة نيوز-
ޔާ ރައްބު، އަޅަމެންނީ އިބަ އިލާހާ މެދު ހެޔޮކޮށް ވިސްނައި، އިބަ އިލާހުގެ ރަޙްމަތަށް އުންމީދު ކުރާ އަޅުން ކަމުގައި ލައްވާނދޭވެ! އާމީން!




advertisment