ދޭހަ ނުވި އިޝްޤެއްގެ އަސަރާ އޭގެ ފޮނި ޖަޒުބާތުގައި
ރޭހަތަރުދަމު ހިތް އޮތީ ނުނިދަންވެގެން ހަމަ ގަސްތުގައި
މެދުއުޑުން ބަބުޅާ ވިދާ ތަރިތައް އެހެން ތިއްބާ ބަލަން
ހަނދުއަރާ ހަނދުވަރު ދިނީ ރޭވެސް އިނގޭ ތިޔަ ޝަރަފުގައި
މޯޅިޔަށް އަދި ދުނިޔެ ދެމުނަސް އިންތިޒާރީ ހަކަތަވޭ
ހޭޅިޔަށް ހަނދުވަރު ލިބޭތޯ ފާރަވެރިވާ ނަޒަރުގައި
ހޭދަކުރި ލޯބީގެ ރޭތައް ހީނުވޭ ނިމިދިޔަހެނެއް
ރޭދުވާ ނިމެނީ އަބަދު ތަކުރާރުވާ އެ ހަނދާނުގައި
އިތުރު ވިންދެއް އެބަ ޖަހާ އަދިވެސް ހިތުން ޝައުޤާއެކީ
ހިތުގެ ނާޒުކު ފިޠުރަތާ ކުޅެލާ ލަޠީފީ ބާރުގައި
ދޭނެ ނަމައޭ ފުރުސަތެއް އަދި ލޯބިވާ މިންވަރު ބުނަން
ހޭނުލައި ހަމަ އެންމެ ހިއްސެއްވެސް ނެތޭ މި ޖުނޫނުގައި
ދެހިތަކުން ސިއްރުން އުފަންކުޅަ ލޯބި ޖާއިޒު ނޫނަކަސް
ޖެހިލުމެއްނެތި، ހުއްޓި މިހުރީ ތިޔަ ބެހެއްޓި މަޤާމުގައި
