ޝާޢިރެއް ހެދިޔޭ ޅެމެއް ލޯބީގެ ޛިކުރާ އާކުރާ
ދާއިރާގައި ދެވަނައެއް ނެތް ފަދަ ޚިޔާލެއް ފަހިކުރާ
އޭގެ ވަކިވަކި ލަފުޒުތައް ޖަޒުބާތު ހޭލައްވާނެހެން
ލޭގެ ހޫނާ ދައުރުވުން ހަށިގަނޑު ތެރޭގައި ހަލި ކުރާ
ހިތުގެ ހިމަހިމަ ނާރުތައްވެސް އަދި އަނާދިލް ހިމެނިގެން
އިތުރު އުނދަގޫ ރޫޙަށާ ޖިސްމަށް ކުރާނޭހެން ތުރާ
މިއުޒިކީ ލަވަތައް ވަޔާ އެކު ކަންފަތައް އިއްވައިދެމުން
ކިއުމުގައި އެކި ރާގުރާގަށް ތުންފުމޭހެންނޭ ގުރާ
އޭގެ ސިޙުރީ ބާރުގައި އާޝޯޚުކުރުވާ ނަފުސުތައް
މޭގެ ޗަމަނުން މާމެލާމެލި ފޮޅުވަމުން ހިތްތައް ފުރާ
ޅެން ހަދާ ނިންމާލުމަށްފަހު ދެން ބަހާލީ އެންމެނަށް
އަންހެނެއް އަދި ފިރިހެނެއް ފަރަޤެއް ނުކޮށް ގާތާ ދުރާ
ފެންނަހެން އިޝްޤީ އަދާތައް ރޯވެދާފަދަ މަސްތުވީ
ޅެން ލިބުނެ ޖިންސުއްލަޠީފީ ކުއްޖަކަށް ނޫކަށިފުރާ
މުށްތެރޭ ޝާޢިރުގެ ހިތްލެވި މިލްކުވީ ކަމުގައި ހަދާ
ކުށް ހިޔެއްގައި ހޯދިޔޭ ރޯމާ ދުވާލާ މެންދުރާ
ޝާޢިރަށް ޝުކުރާ އެކީގައި ލޯބި ހުށަހެޅިޔޭ ހިތުންް
ދާއިމަށް އެކުގައި ވުމަށް އުންމީދުގައި ހިތް އެދި ކުރާ
އިސްޖަހައިލާފައި ޖަވާބެއް އިއްވިޔޭ ޝާޢިރު މަޑުން
"ގަސްތު ކުރިޔަސް މިކަމުގައި ހެންނެއް ނުވޭ ތިޔަ ހީކުރާ"
"ޅެންވެރިންވާ ލޯތްބަކީ ހުރިހާ ކަތުންނަށް ވާ ކުލުނު!
އުންމަތެއް ފަރަޤެއް ނުކޮށް އެންމެން އެކީ ޝާމިލު ކުރާ"
"ފެންނަހެން ދުނިޔޭގެ ހުރިހާ ޚަލްޤަކަށް ވޭ ލިބެވިފައި
ޅެންވެރިންވާ ލޯބި ކިޔަވާ ށޭ އުނގެނިގެން ދަސްކުރާ"
"ތިޔަ އުޞޫލުން ނަމަ އަޅާ ޅެންވެރިކަމަށް ނަފުރަތުކުރަން!"
ބުނި އެކުއްޖާ ޒާތަކަށް ފިތުނައިގެ ހުޅުގަނޑު ރޯކުރާ
"އަދުގެ ހުރިހާ ޅެންވެރިންނާ، ޝާޢިރުން އަންނާނެހާ
އަދި މި ނަފުރަތުގައި ވެޔޭ ދެއްޔާއި ގަލަމާ ފަންސުރާ"
- ޅެމުގެ ޚިޔާލާތު: ލެބަނާނަށް އުފަން މަޝްހޫރު އިނގިރޭސި ޅެންވެރިޔާ، ޚަލީލް ޖިބްރާންގެ ޅެމެއް ބަލައިލުމަށް ފަހުގައި…