ވަޔާ ހެލިލާ މަލާ މޭވާ ފަތާ ފެހި ސިއްރު ބަސްމަގަކުން
ކިޔާ ތަސްބީޙަތައް ކޮށް މާނަ ދޭނީ ޝާޢިރީ ދުލަކުން
ވިލާތައް ރޫޅިލާ ޖައްވުން ކުރާ އިޢުލާނު ފިރުކިލަމުން
ފިލާވަޅުތައް ޝަރަޙަކޮށް ލިޔެލަނީ ޅެން ކާފިޔާތަކަކުން
ހިތާ މޭ އޮހޮރެމުން ވިރެމުން ނިތާއެކު ރޯވަމުން އަނދަމުން
ހިތާމައިގާ ކުރާ ޝަކުވާ ބަޔާން ކުރަނީ ކިޔާ ޅެމަކުން
ދެހިތް ފުރި އުފަލުގާ ބަންޑުން ވަމުން މާމުއިގެ އާރުތަކުން
އޮހުންތައް ދޭ ރިހުން ތަފްސީލު ކުރަނީ ޅެމުގެ ރަހަތަކަކުން
އުފައްދާ ފުން ޝުޢޫރާ އަންނަ މަތިވެރިވީ ޚިޔާލުތަކާ
މުފައްދާ ބަސްމަގުން މޮޅު ސޫރަކުރަނީ ޝާއިރީ ހިތަކުން
ހިނގާ އެކި ހާދިސާތައް އޭގެ އަސަރާ މިންތަކާ އެކުގާ
ނުދާހެން ފަނޑުވެގެން ހިތުގާ ފަވާނީ ޅެމުގެ ޗާޓުތަކުން
މިތާ ފިލްމެއް ކުޅޭ ހުރިހާ ހިތާ ދެލޮލާ ދުލާ ގުޅުވާ
ވިތާހިރު އިސްކުރީނަށް ގެންނަނީ ޅެންބަހުގެ ކުރެހުމަކުން
ވަނީ މުޅި ކާއިނާތުގެ ސިފަތަކާ ގުޅި ޝާޢިރީ ރަހަތައް
ދަނީ ފިނިކޮށްދެމުން ހިތްތައް އޮހޭ ފުން ޝާޢިރީ ފެނަކުން