Support Us

މަރުހޫމް ޢުމަރު ޒާހިރުގެ ނުފިލާނެޔޭ ހަނދާނެއް

ޢުމަރު ޒާހިރު ދުނިޔެ ދޫކޮށް ވަކިވިޔަސް ނެތް ވަކިވުމެއް،
ޝުކުރު ތަޢްރީފާ ސަނާއިން ހުސްވުމެއް ނެތް ނަންފުޅެއްޤައުމަށާ ވަޠަނަށްޓަކާ ކޮށް ދެއްވިހާ ޚިދްމަތް ތަކެއް
ޤައުމު ދެމިއޮތްހާ ހިނދަކު ޒިކުރާ ވެވޭނެ ހަނދާން ތަކެއް

"ކޮންމެ މޫސުމަކާ ނަކަތަކާ، ކޮންމެ ގަދަ ވަޔަކާ އެކީ
ކޮންމެ ކެޕްޓަނަކާ އެކީގައި ދަތުރުކުރި މޮޅު މާހިރެއް"

"ދައުލަތުން ޒިއްމާ ކުރެއްވެވި ކޮންމެ ފަދަ ޒިއްމާ ޔަކަސް"
ފަޚުރުވެރި ޢަމަލީ ގޮތުން ޒިއްމާ އުފުއްލެވި "ޤާޢިދެއް"

ދިރިއުޅެން އުނދަގޫ އެހައި، ވެރިކަންކުރާ ފުރަ މާލެއަށް
ދިރިއުޅެން ފަހިވާގޮތަށް ބައްޓަން ކުރެއްވެވި މުރުޝިދެއް

މާލެއާ މާލޭގެ ބަނދަރާ ތޮށިލުމާ ނެރު، ފާލަމާ،
މާލެއަށް ބޭނުން މިފަދަ ކަންކަން ކުރެއްވެވި ޚާދިމެއް

ފަޅުތަކާ، ފަރު، ގިރިތަކާ، ހިއްކައި، އިތުރު ރަށްރަށް ހަދައި
އަދު ތިމާވެށި ވެސް ޙިމާޔަތް ކުރުމުގައިވި މުފައްކިރެއް

ތިލަފުށީގެ ނަމުން ފަޅެއް ހިއްކައި، ރަށެއް އާބާދު ކޮށް،
މިއަދު މިސިނާޢަތު މިތާ ޤާއިމު ކުރެއްވެވި ލީޑަރެއް

އަދު މިތާ ހުޅުމާލެއެއް ހިއްކައި ވުޖޫދަށް ގެނައުމަށް
ޢަޒުމުގައި ޢަމަލީ ގޮތުން ހިތްވަރު ކުރެއްވި މުދައްބިރެއް

އަރިހުގައި ޚިދްމަތް ކުރާ ތެދުވެރި މުއައްޒިފުނަށް ޓަކާ
ދަތިތަކެއް ދިރިއުޅުމުގައި ފިލުވައިލަ ދެއްވެވި "ބައްޕައެއް"

މީހުނަށް ކުރިމަތިވެދާ އެކި ޙާލަތުގެ އެކި ވަގުތުގައި
މީހުނަށް "ޖީބުން" އެހީ، ދީލަތިވެ ދެއްވެވި އަތްޕުޅެއް

ދިވެހި ގައުމުގެ ކޮންމެ ދަރިއަކު އިޙްތިރާމާ ޤަދަރުދޭ،
ރިވެތި މަތިވެރި ސިފަތަކެއް ހުރި ލޯބިވެތި މާތް ބޭފުޅެއް

ނަން ކިޔޭ ހިނދުގައި މަޖީދިއްޔާ ސްކޫލުގެ ދަރިވަރުން
ނަންފުޅަށް ކުރުނީސްކުރާ ޝަޚްސިއްޔަ ވަރުގަދަ ނާޒިރެއް

ގައުމުގައި ހިންގޭ އެތައްގިނަ ކުޅިވަރުގެ ޙަފުލާ ތަކުން،
ޤައުމުގައި ޒިކުރާ ވެވޭނޭ ޝަރަފު ވެރިވި މުވާޠިނެއް

ދިވެހިތާރީޚުގެ އެތައް ޞަފުޙާތަކެއް ރަން އަކުރަކުން،
ރިވެތިކޮށް ނަންފުޅު ލިޔަން މަޖުބޫރުވާ ޝަޚްޞިއްޔަތެއް

ދާއިމީ ނިޢުމަތް ސުވަރުގެއިން ދެއްވަވާށި! ފުރާނަޔަށް،
ޢާއިލާއަށް ދެއްވެވުން އެދެނީ އަބަދު ކެތްތެރި ކަމެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *